ޗައިނާއިން މީތޭން މޮނިޓަރކުރާ ފުރަތަމަ ވިޔަފާރި ސެޓެލައިޓް ފޮނުވައިފިއެވެ.

ޗައިނާއިން އިއްޔެ ލިޖިއަން-1 ވައި5 ވިޔަފާރި ރޮކެޓެއް ޖައްވަށް ފޮނުވާލައިފައިވާއިރު، މި ރޮކެޓުގައި 15 ސެޓެލައިޓް ހިމެނެއެވެ. އޭގެ ތެރޭގައި ޗައިނާގެ ފުރަތަމަ މަތީ ރެޒޮލިއުޝަން މީތޭން މޮނިޓަރކުރާ ވިޔަފާރި ސެޓެލައިޓްކަމުގައިވާ ޝިގުއަންގ-1 04 ސެޓެލައިޓް ވެސް ހިމެނެއެވެ.

Ad
rt

ބޭޖިންގ ގަޑިން އިއްޔެ މެންދުރުފަހު 12:03 ގައި ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ވިޔަފާރި އުޅަނދުފަހަރު އުފެއްދުމުގެ އައު ޓެކްނޮލޮޖީ ތަޖުރިބާކުރާ ސަރަހައްދަކުން މި ރޮކެޓް ދަތުރު ފަށާފައިވެއެވެ.

ސެޓެލައިޓް އުފެއްދި ކުންފުނި ޝިއޯޕީއެމް ސްޕޭސްގެ މައުލޫމާތު ދިނުމުގައި، މި ސެޓެލައިޓްގައި މީތޭން ކެމެރާއަކާއި، ކްލޮރޮފިލް ކެމެރާއަކާއި، މަލްޓި-ސްޕެކްޓްރަލް ކެމެރާއެއް ހަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މި ކުންފުންޏަކީ ޗައިނާގެ ސައިންސް އެކަޑަމީގެ ދަށުން ހިންގާ ޝީއާން އިންސްޓިޓިއުޓް އޮފް އޮޕްޓިކްސް އެންޑް ޕްރިސިޝަން މެކޭނިކްސްއިން އުފައްދާފައިވާ ވިޔަފާރި ކުންފުންޏެކެވެ.

މި ސެޓެލައިޓުން މީތޭން ބޭރުވާ މިންވަރު މޮނިޓަރކޮށް، އޭގެ ދަތުރު ދެނެގަތުމާއި، ކާބަން ބޭރުވާ ތަންތަން ފާހަގަކުރުމާއި، ކާބަން ނިއުޓްރަލް ކުރުމުގެ ޤާބިލުކަން ވަޒަންކުރުން ފަދަ ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ.

މީތޭނަކީ ދުނިޔެ ހޫނުވުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ގްރީންހައުސް ގޭހެކެވެ. މި ސެޓެލައިޓުން ދުނިޔޭގެ އެކި ސަރަހައްދުތަކުން މީތޭން ބޭރުވާ މިންވަރު އަވަސް އަވަހަށް އަދި ވަރަށް ސާފުކޮށް ބެލޭނެއެވެ. މިކަމުން މީތޭން ބޭރުވާ މިންވަރު ބެލުމުގެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މައުލޫމާތާއި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެއެވެ.

މި ސެޓެލައިޓުން ޗައިނާގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށާއި، ސިނާއީ މަސައްކަތްތަކުން ބޭރުވާ ގޭސްތައް ބެލެހެއްޓުމަށާއި، ގޭސް ލީކުވާ ތަންތަން ދެނެގަތުމަށް އެހީތެރިވުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ކާބަން ނިއުޓްރަލް ކުރުމުގެ މަސައްކަތުގައި ޗައިނާގެ ނުފޫޒު އިތުރުކޮށްދޭނެއެވެ.