ޗައިނާގެ ކަސްޓަމަރުންނަށް އެޑްވާންސްޑް ޗިޕްތައް ސަޕްލައި ކުރުން ހުއްޓާލުމަށް އެމެރިކާގެ ވިޔަފާރިއާ ބެހޭ މިނިސްޓްރީން ޓައިވާނުގެ ސެމިކޮންޑަކްޓަރ އުފައްދާ ކުންފުނި ޓައިވާން ސެމިކޮންޑަކްޓަރ މެނުފެކްޗަރިންގ ކޮމްޕެނީ (ޓީއެސްއެމްސީ) އަށް އަންގައިފިއެވެ.

މި އެންގުމުގައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން 7 ނެނޯމީޓަރު ނުވަތަ އެއަށްވުރެ އެޑްވާންސްޑް ޗިޕްތައް ސަޕްލައި ކުރުން ހުއްޓާލަން ޖެހޭނެއެވެ.

Ad
rt

މި އެންގުން އައިސްފައިވަނީ ޓީއެސްއެމްސީ އިން އުފައްދާފައިވާ ޗިޕެއް ޗައިނާގެ ވާވޭގެ އޭއައި ޕްރޮސެސަރ އެއްގައި ބޭނުންކޮށްފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ. މި ހޯދުން ހޯދާފައިވަނީ ޓެކް އިންސައިޓްސް އިން ވާވޭގެ އުފެއްދުމެއް ބަލައި ދިރާސާ ކުރުމަށްފަހުގައެވެ.

ވާވޭ އަކީ އެމެރިކާގެ ރެސްޓްރިކްޓެޑް ޓްރޭޑް ލިސްޓްގައި ހިމެނޭ ކުންފުންޏެކެވެ. އެހެންކަމުން އެ ކުންފުންޏަށް އެއްވެސް މުދަލެއް ނުވަތަ ޓެކްނޮލޮޖީއެއް ފޯރުކޮށްދޭން ވާނީ ޚާއްސަ ހުއްދައެއް ނެގުމަށްފަހުގައެވެ. ވަކިން ޚާއްސަކޮށް އެ ކުންފުނީގެ އޭއައި މަސައްކަތްތަކަށް އެހީތެރިވެދޭނެ އެއްވެސް ކަމަކަށް ހުއްދަ ދިނުމަކީ ނާދިރު ކަމެކެވެ.

އެމެރިކާ އިން މިފަދަ އެންގުމެއް އަންގާފައިވާކަން މިއަދު ރޮއިޓާސް އިން ވަނީ ހާމަކޮށްފައެވެ. ޓީއެސްއެމްސީ އިން މިހާރު ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް މި މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެކުންފުނިން ބުނެފައިވަނީ އެކުންފުންޏަކީ ޤާނޫނަށް އިހްތިރާމްކުރާ، ހުރިހާ ޤަވާއިދުތަކަކާއި އެއްގޮތަށް އަމަލުކުރާ ކުންފުންޏެއް ކަމަށެވެ.

މީގެ ކުރިން ވެސް އެމެރިކާއިން ވަނީ އެންވިޑިއާ އަދި އޭއެމްޑީ ފަދަ ކުންފުނިތަކުގެ އޭއައި ޗިޕްތައް ޗައިނާއަށް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. އަދި މިއަހަރުގެ ތެރޭގައި ޗައިނާގެ އިތުރު 120 ކުންފުނި ރެސްޓްރިކްޓެޑް އެންޓިޓީ ލިސްޓަށް އިތުރުކުރުމަށް ވެސް ވަނީ ރޭވިފައެވެ.

ޗައިނާއަށް އަމާޒުކޮށްފައިވާ މި އެންމެހާ ފިޔަވަޅުތައް އަޅަމުންދަނީ އެޤައުމުގެ އޭއައި ޓެކްނޮލޮޖީގެ ކުރިއެރުން މަޑުޖެއްސުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ނިންމުމާ ގުޅިގެން ޗައިނާގެ ގިނަ ޗިޕް ޑިޒައިން ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.