އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން، އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާގެ ކުރިއެރުން އިތުރުވާނެ ކަމުގެ އުއްމީދުގައި މި ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.

ހުކުރު ދުވަހުގެ މާކެޓް ޓްރޭޑިންގގައި ޓެސްލާގެ ހިއްސާގެ އަގު 8.2 އިންސައްތަ އިތުރުވެ 321.22 ޑޮލަރަށް އަރާފައިވެއެވެ. އަދި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ކުންފުނީގެ އަގު 230 ބިލިއަން ޑޮލަރު އިތުރުވެފައިވެއެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޓެސްލާގެ އަގު އެއް ޓްރިލިއަން ޑޮލަރު ހަމަކުރި ފަހަރެވެ.

Ad
rt

މާކެޓް އެނަލިސްޓުން ބުނާގޮތުގައި ޑޮނަލްޑް ޓްރަމްޕާއި ޓެސްލާގެ ސީއީއޯ އިލޮން މަސްކްއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން، އޮޓޮނޮމަސް ޑްރައިވިންގ ޓެކްނޮލޮޖީއާ ގުޅޭ ގަވާއިދުތަކުގެ ތެރެއިން ކުރިއަށްދިއުމަށް ފަސޭހަވާނެއެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިލޮން މަސްކްގެ މުއްސަނދިކަން އިތުރުވެގެން ގޮސްފައިވެއެވެ.

ޓެސްލާއަކީ އިލެކްޓްރިކް ކާރު އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. މިދިޔަ އަހަރު މި ކުންފުނިން ވަނީ 1.8 މިލިއަން ކާރު ވިއްކާފައެވެ. އޮޓޯމޭޓަޑް ޑްރައިވިންގގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓެސްލާއިން މިހާރު ވަނީ އެތައް މިލިއަން މޭލެއްގެ ޓެސްޓް ޑްރައިވިންގ ފުރިހަމަކޮށްފައެވެ.

ޓްރަމްޕް ވެރިކަމަށް ގެނައުމަށް މަސްކްވަނީ ބޮޑު ހޭދައެއްކޮށް ގިނަގުނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ.