ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެންމެ ފަހުން މެންޗެސްޓާ ސިޓީ ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމް ބަލިވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ސިޓީ ބަލިވެފައިވަނީ ބްރައިޓަންގެ އަތުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ބްރައިޓަން އިން ވަނީ ކައިރި ކައިރީ ދެ ލަނޑުޖަހައި 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ.

Ad
rt

މެޗުގެ 23 ވަނަ މިނެޓުގައި ސިޓީއަށް ލަނޑު ޖަހައިދިނީ ހާލަންޑްއެވެ. ބަރްއިޓަންގެ ފުރަތަމަ ލަނޑު 78 ވަނަ މިނެޓުގައި ޖޯ ޕެޑްރޯ ޖަހައިދިންއިރު އޭގެ ފަސް މިނެޓް ފަހުން އެ ޓީމް މޮޅުވި ލަނޑު ޖެހީ ރިލޭއެވެ.

ސިޓީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ނަތީޖާއަށް ބަލައިލާއިރު މިދިޔަ މަހުގެ ފަހު ދުވަހު ލީގު ކަޕްގައި އެ ޓީމް ވަނީ ލެސްޓާ ސިޓީއަތުން ބަލިވެފައެވެ. އެއަށްފަހު މި މަހު ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން ބަލިވެފައި ވަނިކޮށް ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަން އަތުން ވަނީ ބޮޑު ތަފާތުން ބަލިވެފައެވެ. ދެން ބަލިވީ ރޭ ބްރައިޓަންގެ އަތުންނެވެ. ގާޑިއޯލާ ބަޔާނަށް ކޯޗުކޮށްދިން އިރު ވެސް ވިދިވިދިގެން ހަތަރު މެޗުން ބަލިވިއެވެ. ނަމަވެސް އޭގެ ތެރެއިން އެއް މެޗަކީ ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވިމެޗެކެވެ.

ސިޓީގެ ނަތީޖާތައް ދަށްވެފައި މިވަނީ އެ ޓީމްގެ ބައެއް މުހިންމު ކުޅުންތެރިން އަނިޔާގައި ތިބި ވަގުތެއްގައެވެ. މިގޮތުން އެ ޓީމްގެ އެންމެ އިތުބާރު މިޑްފީލްޑަރ ރޮޑްރީއާއި އެޓޭކިބް މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ވެސް މިވަގުތު ތިބީ އަނިޔާގައެވެ.

ސިޓީ ބަލިވުމުން އޭގެ އެޑްވާންޓޭޖް ނަގައި ލިވަޕޫލުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. ކުޅުނު 11 މެޗުން 28 ޕޮއިންޓް ހޯދައިގެން އެއްވަނާގައި ލިވަޕޫލް އޮތްއިރު ދެވަނާގައި 11 މެޗުން 23 ޕޮއިންޓް ހޯދައިގެން އޮތީ ސިޓީއެވެ.