ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗުން ވިނީސިއަސް ހެދި ހެޓްރިކާއިއެކު ފަސޭހަކަމާއިއެކު ރެއާލް މޮޅުވި ނަމަވެސް އެ ޓީމްގެ މުހިންމު ތިން ކުޅިންތެރިއަކަށް އަނިޔާވެއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ރެއާލް މޮޅުވީ 4-0 ގެ ނަތީޖާއިންނެވެ.

ފަސޭހަކަމާއިއެކު ރެއާލުން މެޗު ކާމިޔާބުކުރި ނަމަވެސް އެ ޓީމްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ މިލިޓާއޯ އާއި ރޮޑްރިގޯގެ އިތުރުން ލޫކަސް ވަޒްކޭޒްއަށް ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލު ކުރަން ޖެހުނެވެ. ރޮޑްރިގޯއާއި ވަޒްކޭޒްގެ ފަލަމަސް ގަނޑަށް އަނިޔާވިއިރު، ރިޕޯޓްތައް ބުނާގޮތުން މި ދެ ކުޅުންތެރިން ތިން ހަފްތާއެއްހާ ދުވަހު ކުޅުމާއި ދުރުގައި މަޑުކުރަން ޖެހޭނެއެވެ. ޑީފެންޑަރ މިލިޓާއޯގެ ކަކުލަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެކެވެ. އޭނާ ދަނޑުން ބޭލީވެސް އަށިގަނޑުގައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ނުވަވަރަކަށް މަސް ދުވަހު ކުޅުމާއި ދުރުގައި މަޑުކުރަން ޖެހޭނެއެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ވިނީސިއަސް ޖަހައިދިންއިރު، ދެވަނަ ލަނޑު 42 ވަނަ މިނެޓުގައި ޖަހައިދިނީ ބެލިންހަމްއެވެ. މިއީ މި ސީޒަންގައި ބެލިންހަމް ރެއާލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ މިލިޓާއޯގެ ބަދަލުގައި ކުޅެން ނުކުތް ޒުވާން ޑިފެންޑަރ ރައުލް އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

މެޗުގެ ދެވަނަ ހާފު ވެސް ރެއާލުން ފެށީ ވަރުގަދަ ކޮށެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ވިނީ ޖަހައިދިން އިރު އޭގެ އަށް މިނެޓް ފަހުން ވިނީ ވަނީ އިތުރު ލަނޑެއްޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި މޮޅާއިއެކު ރެއާލަށް ވަނީ 12 މެޗުން 27 ޕޮއިންޓް ލިބިފައެވެ. އެއްވަނާގައި އޮތް ބާސެލޯނާއަށް 12 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ދެޓީމްގެ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮތްއިރު މިރޭ ބާސާ ނުކުންނާނީ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި ނުވަ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.