ރޯދައަށް ހުއްޓައި ނިދީގައި އިޙްތިލާމު ވެއްޖެ ނަމަ، (މަނި ބޭރުވެއްޖެނަމަ) އެ ރޯދަ ރަނގަޅު ވާނެތޯ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ޚުލާޞާ ޖަވާބު: ރޯދައަށް ހުއްޓައި ނިދީގައި އިޙްތިލާމު ވެއްޖެ ނަމަ، (މަނި ބޭރުވެއްޖެނަމަ) ހިނައިގަންނަން ވާނެއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ރޯދައަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ރޯދައެއް ނުގެއްލޭނެއެވެ. އޭނާގެ މައްޗަށް ވަނީ ހިނައި ޠާހިރުވެގެން އެ ރޯދަ ފުރިހަމަކުރުމެވެ.
ނިދީގައި ވާ އެފަދަ ކަމަކީ ފާފައެއް ނޫނެވެ. އަދި ނިދީގައި ކުރެވޭ ކަމަކުން މީހާ ފާފަވެރިއެއް ނުވާނެ. ނަބިއްޔާ ޙަދީޘް ކުރައްވަނީ: "رفع القلم عن ثلاثة: عن النائم حتى يستيقظ، وعن الصبي حتى يحتلم، وعن المجنون حتى يعقل." (سنن أبي داود 4401)
މާނަ:" ތިން މީހެއްގެ މަތިން ގަލަން ވަނީ އުފުލިގެންނެވެ. ނިދާފަ ވާ މީހާ ހޭލަންދެން، ކުޑަ ކުއްޖާ ބާލިޣު ވަންދެން އަދި މޮޔަ މީހާ އެ މޮޔަކަން ފިލަންދެން."
ގަސްތަކާ ނުލާ، ނިދީގައި އިޙްތިލާމް ވުމަކީ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް ނޫނެވެ.
އިމާމް ނަވަވީ ވިދާޅުވެފައި ވެއެވެ: "އިޙްތިލާމް ވެގެން ރޯދަ ނުގެއްލޭނެކަމަށް ޢިލްމުވެރިން އިޖުމާޢު ވެފައިވެއެވެ." (އަލްމަޖްމޫޢު)
އައި އިމާމް އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ: "އިޙްތިލާމް ވުމަކީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ. ސަބަބަކީ އެއީ އޭނާ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމަކަށް ނުވާތީއެވެ." (އަލް މުޣުނީ)
މިމައްސަލާގައި ފަހުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް އިބްނު ބާޒު (مجموع الفتاوى (15/276)) އަދި އިބްނު ޢުޘައިމީން (فتاوى الصيام (ص284)) ވެސް ވަނީ އެ ރޯދަ ނުގެއްލޭނެ ކަމަށާއި ޤަޟާ ވެސް ކުރަން ނުޖެހޭނެކަމަށް ފަތުވާ ދެއްވާފައެވެ.
ފަރުޟު ރޯދައަކަށް ހުއްޓާ އިޙްތިލާމް ވި މީހާ ގެ ރޯދަ އަލުން ޤަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ އޭނާގެ ރޯދަ ނުގެއްލޭތީއެވެ.
ރޯދައަށް ހުއްޓާ ނުވަތަ ރޯދަ ނޫން އިރެއްގައި އިޙްތިލާމް ވެއްޖެ ނަމަ ހިނައިގަންނަން ވާނެއެވެ. އެއީ އެއްޗެއް ފޭބި ނަމަ އެވެ. އެއްޗެއް ނުފައިބާ ނަމަ ހިނައިގަންނާކަށް ނުޖެހޭނެއެވެ.
عن أم سلمة رضي الله عنها - زوج النبي ﷺ - قالت: «جاءت أم سليم - امرأة أبي طلحة - إلى رسول الله ﷺ فقالت: يا رسول الله! إن الله لا يستحيي من الحق؛ هل على المرأة من غسل إذا هي احتلمت؟ فقال رسول الله ﷺ: نعم؛ إذا رأت الماء» . (البخاري (282) واللفظ له، ومسلم (313))
އުންމު ސަލަމާގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. " ރަސޫލު ﷲ ﷺ ގެ އަރިހަށް އަބޫ ޠަލްޙާގެ އަނބިކަނބަލުން އުއްމު ސުލައިމު ވަޑައިގެން ދެންނެވިއެވެ: އޭ ﷲަގެ ރަސޫލާއެވެ. ހަމަކަށަވަރުން ހައްގު (ބަޔާން ކުރެއްވުމަށް) ﷲ ލަދުވެތިވެ ވޮޑިނުގަންނަވައެވެ. އަންހެނަކު އިޙްތިލާމުވެއްޖެ ނަމަ (އެބަހީ: ނިދީގައި މަނި ބޭރުވެއްޖެ ނަމަ) ހިނައިގަންނަން ޖެހޭނެތޯއެވެ؟ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”އާދޭހެވެ. އޭނާއަށް ފެން ފެނިއްޖެ ނަމައެވެ.“ (އެބަހީ: ހޭލާއިރު މަނި ފެނިއްޖެ ނަމައެވެ.)"
والله أعلم.
ޖަވާބު ދެއްވީ: އައްޝައިޚް މުޠީޢު އިސްމާޢީލް މުހައްމަދު.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!