ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓް ޖަޕާނުން ޖައްވަށް އުދުއްސާލައިފިއެވެ.
ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ސުމިޓޯމޯ ފޮރެސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ "ލިގްނޯސެޓް" ނަމަކަށް ކިޔާ ސެޓެލައިޓެއް ވަނީ ސްޕޭސްއެކްސްގެ މިޝަނެއްގައި ފަޒާއަށް ފޮނުވާލާފައެވެ. މި ސެޓެލައިޓަކީ ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓެވެ.
ލިގްނޯސެޓް ބިމުން 400 ކިލޯމީޓަރު މަތީގައި ދުނިޔެ ވަށައިގެން ބުރުޖަހަމުން ދާނެއެވެ. މި ސެޓެލައިޓް ހަދާފައިވަނީ ޖަޕާނުގައި އާންމުކޮށް ހެދޭ ހޮނޮކީ ނަމަކަށް ކިޔާ ލަކުޑިއަކުންނެވެ. މި މިޝަނުގެ މައިގަނޑު މަޤްޞަދަކީ ފަޒާގެ ގަދަ މާޙައުލުގައި ލަކުޑި ބޭނުންކުރެވިދާނެތޯ ބެލުމެވެ. ފަޒާގައި ފިނިހޫނުމިން 100- އާއި 100 ޑިގްރީ ސެލްސިއަސް އާ ދެމެދު ބަދަލުވަމުންދާއިރު، ލަކުޑިން ހަދާފައިވާ ސެޓެލައިޓަކަށް އެ މާޙައުލުގައި ހުރެވޭތޯ ބަލާނެއެވެ.
މި މިޝަނުގެ އިސް ފަރާތަކީ ކުރީގެ މަޝްހޫރު އެސްޓްރޯނޯޓެއް ކަމުގައިވާ، މިހާރު ކިޔޯޓޯ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޓަކާއޯ ޑޯއިއެވެ. އޭނާ ބުނާ ގޮތުގައި މުސްތަޤްބަލުގައި ފަޒާ ދަތުރުތަކުގައާއި ހަނދާއި މާސްގައި އާބާދީ އުފެއްދުމުގައި ލަކުޑި މުހިންމު މާއްދާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
ލިގްނޯސެޓްގެ ސައިޒަކީ އަތްތިލައިގެ ސައިޒެވެ. މި ސެޓެލައިޓް ހަދާފައިވަނީ ޖަޕާނުގެ އާދަކާދައިގެ ތެރެއިން ލަކުޑި މަސައްކަތުގެ ހުނަރު ބޭނުންކޮށްގެންނެވެ. އެއްވެސް މޮހޮރެއް ނުވަތަ ތަތްކުރާ އެއްޗެއް ބޭނުންކޮށްފައެއް ނުވެއެވެ.
މި މިޝަން ކާމިޔާބުވެއްޖެނަމަ، ސެޓެލައިޓް އުފެއްދުމުގައި ލަކުޑި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ. މިހާރު ބޭނުންކުރާ މައުދަނުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި މާއްދާއެއް ކަމުގައިވާ ލަކުޑި ބޭނުންކުރުމުން، ސެޓެލައިޓްތައް ބިމުގެ ޖައްވަށް އަނބުރާ ވަންނައިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!