އެމެރިކާގެ 47 ވަނަ ރައީސްކަމުގެ އިންތިޚާބުގައި، ކްރިޕްޓޯ ފައިސާއަށް ތާއީދުކުރާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯދުމާއެކު، މަޝްހޫރު ކްރިޕްޓޯ ފައިސާ ބިޓްކޮއިންގެ އަގު މިހާތަނަށް ދުވަހަކުވެސް ނުދެކޭ މިންވަރަކަށް އަރައި 74,800 ޑޮލަރުގެ އައު ރެކޯޑެއް ހަދައިފިއެވެ.

މާކެޓް ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ 24 ގަޑިއިރުގެ ތެރޭގައި 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. މާހިރުންގެ ލަފާގައި ބިޓްކޮއިންގެ އަގު އިތުރަށް މަތިވަމުންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ކޮއިންބޭސް ޕްރީމިއަމް އިންޑެކްސްއިން ދައްކާގޮތުގައި އެމެރިކާގައި ބިޓްކޮއިންއަށް ހުރި ޑިމާންޑް ވަރަށް ވަރުގަދަ ކަމަށް ފާހަގަކުރެވެއެވެ.

Ad
rt

ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި ބިޓްކޮއިންގެ އަގު ފުރަތަމަ ފަހަރަށް 73,777 ޑޮލަރަށް އަރާފައިވަނީ މިއަހަރުގެ މާރިޗު 14 ގައެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ބިޓްކޮއިންގެ އަގު ހުރީ 70,000 ޑޮލަރަށްވުރެ ދަށުގައެވެ. ނަމަވެސް އާދީއްތަ ދުވަހު އިލެކްޓޯރަލް ކޮލެޖްގައި ޓްރަމްޕްގެ ވޯޓު ކުރިއަރައި ދިއުމާއެކު ބިޓްކޮއިންގެ އަގަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ.

އިންވެސްޓަރުން މިގޮތަށް ރިއެކްޓްކޮށްފައިވަނީ އެމެރިކާގެ ސިޔާސީ މަޝްރަޙު ބަދަލުވަމުންދާތީއެވެ. ސަބަބަކީ ޓްރަމްޕަކީ ކަމަލާ ހެރިސްއާ އަޅާބަލާއިރު ކްރިޕްޓޯ ފައިސާއަށް މާބޮޑަށް ތާއީދުކުރާ ކެންޑިޑޭޓަކަށްވާތީއެވެ.