ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އަހްމަދު ނާސިފް ހަމަޖައްސައިފިއެވެ.

އޭނާ އެމަގާމަށް ހަމަޖެއްސިކަން ހާމަކޮށް، އެޗްޑީސީން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އަދި މިކަން ހާމައެއް ނުކުރެއެވެ.

ނާސިފް އެންމެފަހުން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ޗެއާމަންގެ މަގާމުގައެވެ.

ނާސިފް ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އޭގެ އިތުރުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީގެ މަގާމު އަދާކުރައްވާފައި ވެއެވެ.

މި ސަރުކާރުން އެޗްޑީސީގެ ޗެއާމަނަކަށް ފުރަތަމަ ހަމެޖެއްސީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި، ހެލްތް މިނިސްޓަރުކަމާއި އަދި ޔޫތު މިނިސްޓަރުކަން ކުރަށްވާފައިވާ އަހްމަދު ޒުހޫރު އެވެ. ޒުހޫރު އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ.