އެމެރިކާގެ ވޯޓަރުން އެ ޤައުމަށް ދެން އަންނާނެ ރައީސަކު ހޮވުމަށް މިއަދު (އަންގާރަ ދުވަހު) ވޯޓުލާން ފަށާފައިވާއިރު، މިއިންތިޚާބުގެ ނަތީޖާ އެނގޭނީ ކޮންއިރަކުންތޯ މިއީ ވަރަށް ގިނަބަޔަކު އުންމީދުކުރާނެކަމެކެވެ. އާންމު ގޮތެއްގައި އެމެރިކާގެ އިންތިޚާބުތަކުގެ ނަތީޖާ ވޯޓުލުން ނިމޭތާ ގަޑިއިރުތަކެއްގެ ތެރޭގައި އިއުލާނުކުރެވޭ ނަމަވެސް، މިއަހަރުގެ ވާދަވެރި އިންތިޚާބުގައި ނަތީޖާ އެނގުމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބެލެވެއެވެ.

ފުރަތަމަ ވޯޓު ފޮށިތައް ބަންދުކުރާނީ އަންގާރަ ދުވަހުގެ ރޭ 18:00 އީ.އެސް.ޓީ (23:00 ޖީ.އެމް.ޓީ) ގައެވެ. އެންމެ ފަހު ވޯޓު ފޮށިތައް ބަންދުކުރާނީ ބުދަ ދުވަހުގެ މެންދަމު 01:00 އީ.އެސް.ޓީ (06:00 ޖީ.އެމް.ޓީ) ގައެވެ.

Ad
rt

ބައެއް ރިޔާސީ އިންތިޚާބުތަކުގައި ކާމިޔާބުކުރި ފަރާތް އިއުލާނުކުރެވިފައިވަނީ އިންތިޚާބުގެ ރޭ ނުވަތަ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައެވެ. ނަމަވެސް މިފަހަރު، ގިނަ ސްޓޭޓުތަކުގައި ވާދަވެރިކަން ބޮޑުވުމާ ގުޅިގެން މީޑިއާ އައުޓްލެޓްތަކުން ކާމިޔާބުކުރި ފަރާތް އިއުލާނުކުރުމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބެލެވެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ހަފުތާތަކެއް ވަންދެން ވަރަށް ކައިރިން ފަރަގު ކުޑަކޮށް ވާދަ ކުރަމުންނެވެ.

ކާމިޔާބު ކުރެވޭ މިންވަރު ތަފާތުކުޑަ ވެއްޖެނަމަ، އަލުން ވޯޓު ގުނަން ޖެހިދާނެއެވެ. މިސާލަކަށް، މުހިންމު ސްވިންގ ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގައި، ކާމިޔާބުކުރި ފަރާތާއި ބަލިވި ފަރާތުގެ ވޯޓުގެ ތަފާތު އިންސައްތަ 0.5 އަށްވުރެ ކުޑަނަމަ އަލުން ވޯޓު ގުނަން ޖެހޭނެއެވެ. 2020 ވަނަ އަހަރު މި ތަފާތު ހުރީ 1.1 އިންސައްތައިގައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޤާނޫނީ ގޮންޖެހުންތަކެއްވެސް ކުރިމަތިވެދާނެއެވެ. އިންތިޚާބުގެ ކުރިން މިހާރުވެސް ރިޕަބްލިކަނުން ވަނީ 100 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައެވެ. މީގެ ތެރޭގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންނާއި ވޯޓަރުންގެ ލިސްޓު ބެލެހެއްޓުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

އިންތިޚާބާ ގުޅިގެން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް، ޚާއްޞަކޮށް ވޯޓުލާ މަރުކަޒުތަކުގައި ހިނގައިފިނަމަ، އެކަމަކީވެސް ނަތީޖާ ލަސްވުމަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ.

އެހެންކަމުން ގިނަ މީޑިއާތަކުން ލަފާކުރާ ގޮތުގައި މި އިންތިޚާބުގެ ނަތީޖާ އެންމެ އަވަހަށްވެސް ފެންނަން ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެންނެވެ.