އިނގިރޭސިވިލާތުގެ ކޮންސަވޭޓިވް ޕާޓީއަށް ފުރަތަމަ ފަހަރަށް އަންހެން އަދި ކަޅު ނަސްލުގެ ލީޑަރަކު އިންތިޚާބުކުރެވިއްޖެއެވެ.
ކޮންސަވޭޓިވް ޕާޓީގެ އާ ލީޑަރުކަމަށް ކެމީ ބަޑެނޯ އިންތިޚާބުވެފައިވާއިރު، މިއީ އިނގިރޭސިވިލާތުގެ މައި ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށް އިންތިޚާބުވި ފުރަތަމަ ކަޅު ނަސްލުގެ އަންހެން ބޭފުޅެވެ. މި އިންތިޚާބުގައި ބަޑެނޯ ވާދަކުރެއްވި އެމްޕީ ރޮބަޓް ޖެންރިކްއަށްވުރެ 12،418 ވޯޓު އިތުރަށް ހޯއްދެވިއެވެ.
44 އަހަރުގެ ބަޑެނޯ އަކީ އިނގިރޭސިވިލާތުގައި އުފަންވެ، ނައިޖީރިއާގައި ބޮޑުވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2017 ގައި އެމްޕީއަކަށް ވުމުގެ ކުރިން ބޭންކިންގ އަދި އައިޓީ ދާއިރާގައި މަސައްކަތްކުރައްވާފައެވެ. ކާމިޔާބީގެ ވާހަކަފުޅުގައި ބަޑެނޯ ވިދާޅުވީ، ޖުލައި މަހު ބޭއްވުނު އާންމު އިންތިޚާބުގައި ޕާޓީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ފަހުން ޕާޓީ އައުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕާޓީން ދުރުވެފައިވާ ވޯޓަރުން އަނބުރާ ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި، ޤައުމުގެ ކާމިޔާބީއަށް ކޮންސަވޭޓިވް ޕާޓީގެ ދައުރު މުހިންމު ކަމަށެވެ. އަދި ޕާޓީގެ އަޑު އިވޭނީ ތެދުވެރިކަމާއެކު ވޭތުވެދިޔަ 14 އަހަރު ސަރުކާރު ހިންގުމުގައި ކުރެވުނު ކުށްތަކާއި މިންގަނޑުތައް ދަށްވެފައިވާކަން ޤަބޫލުކުރުމުން ކަމަށްވެސް ބަޑެނޯ ވިދާޅުވިއެވެ.
ޖުލައި މަހު ބޭއްވުނު ޕާލިމެންޓަރީ އިންތިޚާބުގައި ލޭބަރ ޕާޓީން ކޮންސަވޭޓިވް ޕާޓީ ބަލިކޮށް، 14 އަހަރަށްފަހު އާ ޕާޓީއެއް ސަރުކާރަށް އައީއެވެ. މި އިންތިޚާބުގައި ކޮންސަވޭޓިވް ޕާޓީއަށް ލިބުނީ އެ ޕާޓީގެ ތާރީޚުގައި އެންމެ ބޮޑު ނާކާމިޔާބީއެވެ.
ލިޒް ޓްރަސް އަދި ބޮރިސް ޖޯންސަންގެ ފަހުން ރިޝި ސުނަކްގެ ވެރިކަމުގައިވެސް އިނގިރޭސިވިލާތުގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް، ހަކަތައިގެ އަގުތަކާއި އިންފްލޭޝަން މައްޗަށް ގޮސްފައިވެއެވެ. މިކަން މިހެން ދިމާވީ 2022 ގައި ރަޝިއާގެ ފޮސިލް ފިއުލްއާ ގުޅުން ކަނޑާލުމާ ގުޅިގެންކަމަށް މާހިރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!