އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ އަލީ ޚާމަނާއީ އެމެރިކާއާއި އިސްރާއީލަށް "ނިކަމެތިކޮށްލާފަދަ ޖަވާބެއް" ދޭނެކަމަށް ވިދާޅުވެ ހަރުކަށި އިންޒާރެއް ދެއްވައިފައެވެ.
ހޮނިހިރު ދުވަހު ތެހުރާނުގައި ދެއްކެވި ވާހަކަފުޅެއްގައި ޚާމަނާއީ ވިދާޅުވީ، "ދުޝްމަނުން، އެއީ ޒަޔަނިސްޓު ވެރިކަން ކަމުގައިވިޔަސް ނުވަތަ އެމެރިކާ ކަމުގައިވިޔަސް، އިރާނާއި، އިރާނުގެ ރައްޔިތުންނާއި، އަދި އީރާނުގެ އެކުވެރިންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ނިކަމެތިކޮށްލާފަދަ ޖަވާބެއް ކަށަވަރުންވެސް ލިބޭނެކަން." އެބައިމީހުންނަށް އެނގެން ޖެހޭނެކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވިދާޅުވީ، "ބޮޑާކަމާ ދެކޮޅަށް ކުރިމަތިލުމަށްޓަކައި އިރާނުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށެވެ. އެއީ ސިފައިންގެ ފިޔަވަޅެއް ކަމުގައިވިޔަސް، ހަތިޔާރުގެ ފިޔަވަޅެއް ކަމުގައިވިޔަސް، ނުވަތަ ސިޔާސީ ފިޔަވަޅެއް ކަމުގައިވިޔަސް އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޚާމަނާއީ މި އިންޒާރު ދެއްވީ އޮކްޓޯބަރު 26 ވަނަ ދުވަހު އިސްރާއީލުގެ ސިފައިން އިރާނަށް 4 ގަޑިއިރުގެ ހަމަލާއެއް ދިންކަމަށް ވިދާޅުވުމަށްފަހުގައެވެ. ޚާމަނާއީ ވިދާޅުވީ "ޒަޔަނިސްޓު ވެރިކަމުން ތެހުރާނާއި އެހެނިހެން ސަރަހައްދުތަކުގައިވާ ވަކި ތަންތަނަށް ހަމަލާދޭން ކުރި މަސައްކަތް" ކާމިޔާބުކަމާއެކު ހުއްޓުވާލެވުނު ކަމަށެވެ. ނަމަވެސް އެ ހަމަލާތަކުގައި އިރާނުގެ ސިފައިންގެ 4 މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ހަމަލާ އިސްރާއީލުން ދީފައިވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު އިރާނުން އިސްރާއީލަށް ދިން ހަމަލާއަކަށްފަހުގައެވެ. އެ ހަމަލާގައި އިރާނުން 180 އަށްވުރެ ގިނަ ރޮކެޓް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލައިފައިވެއެވެ.
އިރާނުން ބުނެފައިވަނީ މިއީ ހަމާސްގެ ސިޔާސީ ބިއުރޯގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ، ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުއްލާ، އަދި އިރާނުގެ އިންޤިލާބީ ގާޑުގެ ކޮމާންޑަރު އައްބާސް ނިލްފޮރޫޝަން އަވަހާރަކޮށްލުމުގެ "ބަދަލުހިފުމުގެ" އޮޕަރޭޝަނެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!