ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ މަސްތުންގ ސަރަހައްދުގައި ދިން ބޮމު ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެ، 23 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 5 ސްކޫލް ކުދިން ހިމެނެއެވެ.

ހުކުރު ދުވަހު ދެވުނު މި ހަމަލާ އަމާޒުކޮށްފައިވަނީ އަންހެނުންގެ ސްކޫލެއްގެ ކައިރީގައި ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ބަލަހައްޓަމުން ދިޔަ ފުލުހުންނަށެވެ. ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހްމަތުﷲ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި ހަމަލާގެ އަމާޒަކަަށްވީ ޕޯލިއޯ ވެކްސިން ޓީމު ގެންދިއުމަށް ދިޔަ ފުލުހުންގެ ވެހިކަލްއެކެވެ.

Ad
rt

އަލްޖަޒީރާއަށް ލިބުނު މަޢުލޫމާތު ދައްކާ ގޮތުން، ގޮވުމުގައި ވަގުތުން 5 ކުދިންނާއި، ފުލުހެއް އަދި މަގުމަތިން ދިޔަ މީހަކު މަރުވިއެވެ. އިތުރު ދެ މީހަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވެސް މަރުވިއެވެ.

މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ސްކޫލް ކައިރީގައި ޕާކުކޮށްފައި އޮތް މޮޓޯސައިކަލެއްގައި ހަރުކޮށްފައިވާ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް (އައިއީޑީ) އެއް ކަމަށް ބެލެވެއެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް، އިސްލާމާބާދުން ވަނީ އަވައްޓެރި އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ޕާކިސްތާނަށް ދެވޭ މިފަދަ ހަމަލާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ތުހުމަތުކޮށްފައެވެ.