ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީގެ އޭޖެންސީ ކޭއެސްރިލީފުން، ޔޫކްރެއިނުގައި ހާލުގައިޖެހި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 10.4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ދިނުމަށް އދ. ގެ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެހީގެ ދަށުން 11,000 ޝެލްޓަރ ކިޓާއި، 2,400 އަވަސް ހީޓިންގ ކިޓު އަދި ފިނިމޫސުމުގައި ގޭގެ އިންސިއުލޭޓް ކުރުމަށް ބޭނުންވާ އަސާސީ ބިލްޑިންގ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ.

Ad
rt

މި އެހީގެ ސަބަބުން ގާތްގަނޑަކަށް 49,000 މީހުންނަށް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރިޔާޒުގައި ހުންނަ ކޭއެސްރިލީފްގެ މައި އޮފީހުގައެވެ. ކޭއެސްރިލީފްގެ ފަރާތުން ސޮއިކުރެއްވީ އެ އޭޖެންސީގެ އޮޕަރޭޝަންސް އެންޑް ޕްރޮގްރާމްސްގެ އެސިސްޓެންޓް ސުޕަވައިޒަރ އަޙްމަދު ބިން ޢަލީ އަލްބައިޒެވެ. އދ. ގެ ފަރާތުން ސޮއިކުރެއްވީ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރުގެ ޑެޕިއުޓީ ކެލީ ކްލެމެންޓްސްއެވެ.

މި ރަސްމިއްޔާތުގައި ކޭއެސްރިލީފްގެ ވެރިޔާ އަދި ރޯޔަލް ކޯޓުގެ ލަފާދޭ ފަރާތެއް ކަމުގައިވާ ޢަބްދުﷲ އަލްރަބީޢްރަބީޢާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެފިއުޖީންނާއި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސަޢޫދީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ.