ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އައިލެންޑް ބެލްޖިއަމުން ހަދަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ.

ބެލްޖިއަމުން އެ ގައުމުގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ނޯތު ސީގައި ބޮޑު މަސްނޫއީ ޖަޒީރާއެއް ބިނާކުރަމުންދާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. "ޕްރިންސެސް އެލިޒަބެތު" ގެ ނަމުން ނަންދެވިފައިވާ މި ޖަޒީރާ 2027 ވަނަ އަހަރު ނިމުމަކަށް އަންނާނެކަމަށް ލަފާކުރެވެއެވެ. މި ޖަޒީރާއިން 3.5 ގިގަވޮޓުގެ އޮފްޝޯ ވައިގެ ހަކަތަ ބެލްޖިއަމުގެ ކަރަންޓު ވިއުގައަށް އިންޓަގްރޭޓް ކުރެވޭނެއެވެ. މިއީ 3 މިލިއަނަށްވުރެ ގިނަ ގޭބިސީތަކަށް ކަރަންޓު ދިނުމަށް ފުދޭ މިންވަރެކެވެ.

Ad
rt

650 މިލިއަން ޔޫރޯ (702 މިލިއަން ޑޮލަރު) ގެ މި މަޝްރޫއު ފަންޑުކުރަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންނެވެ. އެ ބޭންކުން ވަނީ ފުރަތަމަ ފިޔަވަހި ފެށުމަށްޓަކައި ބެލްޖިއަމުގެ ޓްރާންސްމިޝަން އޮޕަރޭޓަރ އެލިއާއާއެކު ގްރީން ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫއަކީ ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލައި، އިއާދަކުރަނިވި ހަކަތައަށް ފުރިހަމައަށް ބަދަލުވުމަށް ޔޫރަޕިއަން ޔޫނިއަނުން އެކުލަވާލާފައިވާ ރީޕަވަރ ޔޫރަޕް ޕްލޭންގެ މުހިންމު ބައެކެވެ.

މި ޖަޒީރާ ބިނާކުރެވޭނީ ބެލްޖިއަމުގެ އައްސޭރިފަށުން ގާތްގަނޑަކަށް 45 ކިލޯމީޓަރު ދުރުގައިވާ ޕްރިންސެސް އެލިޒަބެތު ވައިގެ ސަރަހައްދުގައެވެ.

އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ އިތުރުން، މި ޖަޒީރާއަކީ މުޅި ޔޫރަޕަށް ހަކަތަ ވިއްކުމުގެ މަރުކަޒަކަށްވެސް ވާނެއެވެ. މި ޕްލޭންގައި ހިމެނެނީ ޖަޒީރާ އަވައްޓެރި ގައުމުތަކާ ގުޅުވައިދޭ ޚާއްސަ "ހައިބްރިޑް އިންޓަރކަނެކްޓަރ" ޓްރާންސްމިޝަން ލައިންތަކެކެވެ. މި ހައިބްރިޑް ލައިންތައް ވައިގެ ފާމުތަކާ އިންޓަގްރޭޓްވެ، ދެކޮޅަށް ހަކަތަ ފޯރުކޮށްދެވޭނެއެވެ.

ޖަޒީރާގެ ބިންގާ އެޅުމަށް ބޭނުންކުރާނީ ނެދަލޭންޑްސްގައި މިހާރު އުފައްދަމުންދާ ބޮޑެތި ކޮންކްރީޓު ކެއިސަންތަކެކެވެ. މި ސްޓްރަކްޗަރތައް ކަނޑުގެ އަޑިއަށް ދޫކޮށްލުމަށްފަހު، ވެއްޔާއި އަކިރިން ފުރާލައި، އޭގެ މަތީގައި މަސްނޫއީ ބިމާއި ހަކަތައިގެ ވަސީލަތްތައް ބިނާކުރެވޭނެއެވެ.