ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، މުހައްމަދު ރާގިބު އަހުމަދު ހައި ކޯޓުގައި ވަކާލާތު ކުރާތީ އެކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރުމުންނެވެ.
ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ސިޔާސީ މަގާމުގައި ތިބެގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތުކުރެވޭނެ ކަމަށް ނުފެންނަ ކަމަށް އޭޖީ އޮފީހުން ލިޔުމުން ޖަވާބުދީފައިވާ ކަމަށެވެ. އަދި ވަކީލުންގެ ސުލޫކީ އެ ގަވާއިދުގައި އޮތް ގޮތުން ވެސް ދައުލަތުގެ މުވައްޒަފުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުމުން މަސްލަހަތު ފުުށުއަރާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުގައި ވަނީ ރާގިބަށް އެ މަގާމުގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް މަދަނީ މައްސަލަތަކުގައި ވަކާލާތުކުރާ މައްސަލަތަކެއް ވެސް ދާދިފަހުން ފެންމަތިވެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!