ދުނިޔޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، ދެކުނު އެފްރިކާއަށް އުފަން އެލޮން މަސްކް، 1990 ގެ އަހަރުތަކުގައި އެމެރިކާގައި ޤާނޫނާ ޚިލާފަށް މަސައްކަތްކުރި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓު ނެރުނީ ހޮނިހިރު ދުވަހުއެވެ.

ނަމަވެސް، އާދީއްތަ ދުވަހު މަސްކް މި ރިޕޯޓު ދޮގުކޮށް، އޭނާ އެ ދުވަސްވަރު އެމެރިކާގައި ޤާނޫނީ ގޮތުން މަސައްކަތްކުރުމުގެ ހުއްދަ އޮތް ކަމަށް ބުނެފައިވެއެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓުކޮށް، "އަހަރެން ހުރީ ޖޭ-1 ވިސާއެއްގައި. އެއަށްފަހު އެޗް1-ބީ ވިސާއަކަށް ބަދަލުވީ،" އޭނާ ބުނެފައިވެއެވެ.

Ad
rt

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަސްކް އެމެރިކާގެ ޕާލޯ އަލްޓޯއަށް އައީ 1995 ވަނަ އަހަރު ސްޓޭންފޯޑް ޔުނިވަރސިޓީގައި ކިޔެވުމަށެވެ. ނަމަވެސް އޭނާ އެ ޔުނިވަރސިޓީގެ ގްރެޖުއޭޓް ޕްރޮގްރާމެއްގައި ރަޖިސްޓްރީއެއް ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ޒިޕް2 ނަމަކަށް ކިޔާ ސޮފްޓްވެއަރ ކުންފުންޏެއް އުފެއްދިއެވެ. މި ކުންފުނި 1999 ގައި ވިއްކާލީ 300 މިލިއަން ޑޮލަރަށެވެ.

ވޮޝިންގްޓަން ޕޯސްޓުން ޙަވާލާދީފައިވާ ދެ އިމިގްރޭޝަން ޤާނޫނީ މާހިރުން ބުނާ ގޮތުގައި، ދަރިވަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެމެހެއްޓުމަށްޓަކައި މަސްކް ފުލްޓައިމްކޮށް ކިޔަވަން ޖެހޭނެއެވެ.

މަސްކް 2020 ވަނަ އަހަރު ޕޮޑްކާސްޓެއްގައި ބުނެފައިވާ ގޮތުގައި، "އަހަރެން އެތާ ހުރީ ޤާނޫނީ ގޮތުން. އެކަމަކު އަހަރެން ކުރަން ޖެހޭނީ ދަރިވަރުންގެ މަސައްކަތް. އަހަރެންނަށް ހުއްދަ އޮތީ ކޮންމެވެސް ވަރަކަށް އެހީތެރިވެދޭ މަސައްކަތްތައް ކުރުމަށް." މަސްކު ބުނެފައިވެއެވެ.

ވޮޝިންގްޓަން ޕޯސްޓުން ޙަވާލާދީފައިވާ މަސްކްގެ ކުރީގެ ދެ އެކުވެރިން ބުނާ ގޮތުގައި މަސްކަށް އެމެރިކާގައި މަސައްކަތްކުރުމުގެ ހުއްދަ ލިބުނީ 1997 ވަނަ އަހަރުގެ ތެރޭގައެވެ.

މަސްކަކީ ނޮވެމްބަރު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހެކެވެ. މި އިންތިޚާބުގައި ޓްރަމްޕް ވާދަކުރާނީ ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ދެކޮޅަށެވެ. ސަރވޭތަކުން ދައްކާ ގޮތުގައި މި އިންތިޚާބު ވަރަށް ގާތްގާތުން ދާނެއެވެ.