އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުން އެނބުރި ބިމަށް އައުމާއެކު، ނާސާގެ އެސްޓްރޮނޯޓެއް ސިއްޙީ މައްސަލައަކާ ގުޅިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފިއެވެ. މި ހާދިސާއާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް އަދިވެސް ހާމައެއް ނުކުރެއެވެ.

ނާސާއިން ދީފައިވާ އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި، ސްޕޭސްއެކްސްގެ ކްރޫ-8 މިޝަންގެ ހަތަރު މެންބަރުންވެސް ވަނީ ހިއުސްޓަންގައި ހުންނަ ޖޯންސަން ސްޕޭސް ސެންޓަރަށް ދިއުމުގެ ބަދަލުގައި ފްލޮރިޑާގެ ޕެންސަކޯލާގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގެންދެވިފައެވެ.

Ad
rt

ކްރޫ ޑްރެގަން ކެޕްސިއުލްގައި ތިބި ވައިގެ ތިން ދަތުރުވެރިންގެ ތެރެއިން - މެތިއު ޑޮމިނިކް، މައިކަލް ބެރެޓް އަދި ޖެނެޓް އެޕްސްގެ ތެރެއިން ކޮން އެސްޓްރޮނޯޓެއްކަން ހޮސްޕިޓަލަށް ގެންދެވުނީ އަދި ސާފެއް ނުވެއެވެ. ސަބަބަކީ ނާސާއިން ވަނީ އެ ފަރާތަކީ ކާކުކަން ހާމަނުކުރުމަށް ނިންމާފައެވެ. (ރަޝިއާގެ ކޮސްމޮނޯޓް އެލެކްސެންޑަރ ގްރެބެންކިންއަކީ ނާސާގެ މުވައްޒަފެއް ނޫންކަން އެނގޭތީ، އޭނާ މި މައްސަލައާ ގުޅިފައި ނުވާކަން ކަށަވަރެވެ.)

ހޮސްޕިޓަލަށް ގެންދެވުނު ފަރާތަކީ ކާކުކަން އަދި ސިއްޙީ ފަރުވާ ބޭނުންވި ސަބަބު އަދި ނޭނގުނު ނަމަވެސް، ނާސާއިން ބުނެފައިވަނީ އެ ފަރާތުގެ ޙާލަތު "ސްޓޭބަލް" ކަމަށާއި، "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" ޕެންސަކޯލާ ހޮސްޕިޓަލުގައި ބާއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ފަރާތުގެ ސިއްޙީ މަޢުލޫމާތާއި ކާކުކަން ހާމަނުވާނެ ގޮތަށް ހިފެހެއްޓުމަށްޓަކައި "އެ ފަރާތުގެ ޙާލަތާ ގުޅޭ ވަކި ތަފްސީލުތަކެއް" ޢާންމުނުކުރާނެ ކަމަށް ނާސާއިން ބުނެފައިވެއެވެ.