އެމެރިކާގެ ހަމައެކަނި މުސްލިމުން އެކަނި ހިންގާ ސިޓީ ކަމުގައިވާ ހަމްޓްރަމްކްގެ މޭޔަރު އާމިރު ޣާލިބް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ ކަމަށް އިއުލާނު ކުރައްވައިފިއެވެ.
މިޝިގަން ސްޓޭޓްގެ ހަމްޓްރަމްކް ސިޓީގެ މޭޔަރު އާމިރު ޣާލިބް ވަނީ އާދިއްތަ ދުވަހު ފޭސްބުކް ޕޯސްޓެއްގައި، ޓްރަމްޕަކީ "އުސޫލުތަކެއް ހުރި މީހެއް" އަދި "މި ނާޒުކު ވަގުތަށް ރަނގަޅު ޗޮއިސް" ކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ބައެއް ކަންކަމުގައި ޓްރަމްޕާ ދެބަސްވުން ހުރި ނަމަވެސްއެވެ.
"ރައީސް ޓްރަމްޕާއި އަހަރެން ހުރިހާ ކަމެއްގައި އެއްބަސްނުވި ކަމުގައިވިޔަސް، އޭނާއަކީ އުސޫލުތަކެއް ހުރި މީހެއްކަން އަހަރެންނަށް އެނގޭ،" ޣާލިބް ވިދާޅުވިއެވެ. "އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑު ކަމުގައި ވިޔަސް، އޭނާ އެމެރިކާގެ 47 ވަނަ ރައީސްކަމަށް ހޮވިވަޑައިނުގެންފާނެ. އެހެން ނަމަވެސް މި ނާޒުކު ވަގުތަށް އެންމެ ރަނގަޅު ޗޮއިސްއަކީ އޭނާ ކަމަށް އަހަރެން ގަބޫލުކުރަން. ނަތީޖާ އަންނަ ގޮތަކުން މި ނިންމުމާމެދު ހިތާމައެއް ނުކުރާނަން. އަދި މީގެ ނަތީޖާއާ ކުރިމަތިލާން ތައްޔާރަށް މިހުރީ." ޣާލިބް ވިދާޅުވިއެވެ.
AN HONOR, THANK YOU! pic.twitter.com/lFoRFv8AGP
— Donald J. Trump (@realDonaldTrump) October 26, 2024
ހަމްޓްރަމްކްގެ އާބާދީއަކީ 28،000 މީހުންގެ އާބާދީއެކެވެ. މި ސިޓީ ސުރުޚީތަކަށް އައީ 2021 ވަނަ އަހަރު އެމެރިކާގެ މި ސިޓީ މުޅިން މުސްލިމް ސިޓީއެއްގެ ގޮތުގައި މުސްލިމް ކައުންސިލަކާއި މުސްލިމް މޭޔަރެއް އިންތިޚާބު ކުރުމުންނެވެ.
17 އަހަރުގައި ޔަމަނުން އެމެރިކާއަށް ހިޖުރަކުރެއްވި ޣާލިބް ވަނީ މިޝިގަންގެ ފްލިންޓް ސިޓީގައި ބޭއްވުނު ޓައުން ހޯލް ބައްދަލުވުމުގެ ކުރިން ޓްރަމްޕާ ބައްދަލުކުރެއްވުމަށްފަހު އޭނާއަށް ތާއީދު ކުރައްވާކަން އިއުލާނުކުރައްވާފައެވެ. މި ބައްދަލުވުމުގައި އަރަބި އަދި މުސްލިމް އެމެރިކަނުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، ޓްރަމްޕް ވަނީ އޭނާގެ ތާއީދަށް އެދިވަޑައިގެންފައިވާ ކަމަށް ޣާލިބް ވަނީ ޑިޓްރޮއިޓް ނިއުސްއަށް ވިދާޅުވެފައެވެ.
މިޝިގަނަކީ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރިޔާ ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސްގެ ވާދަ އެންމެ ގާތްވާނެ ކަމަށް ބެލެވޭ 7 ސްޓޭޓުގެތެރެއިން އެއް ސްޓޭޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!