ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް އަމާޒުކޮށްގެން 'އިހުރު ބާޒާރު' ގެ ނަމުގައި ބީސީސީން އއ.ތޮއްޑޫގައި އައު މާރުކޭޓެއް ހުޅުވައިފިއެވެ.
މި މާރުކޭޓު ހުޅުވައިދެއްވީ ދިވެހިރާއްޖެއަށް ޖަޕާނު ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗި މިޑޯރީއެވެ.
ޔޫ.އެން.ޑީ.ޕީއާއި ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދެވޭ މި ޕްރޮޖެކްޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓިވްގެ އިތުރުން ބީސީސީގެ އިސްވެރިންނާއި ތޮއްޑޫ ކައުންސިލް މެންބަރުންނާއި ތޮއްޑޫގެ ގިނަ ރައްޔިތުން ބައިވެރިވިއެވެ.
މި މާރުކޭޓުގައި 10 ކުށި (ކިއޮސް) ތޮއްޑޫގެ ދަނޑުވެރިންނަށް ދޫކޮށްފައިވާއިރު، އެ ކުށިތަކުގައި މޭވާއާއި ތަރުކާރީގެ އިތުރުން އަގުއެއްކުރި ބާވަތްތައްވެސް ވިއްކަން ހުންނާނެއެވެ. މިކަމަށްޓަކައި ކުށިތައް ކުއްޔަށްހިފި ފަރާތްތަކަށް އަގުއެއްކުރި ތަކެތި އުފައްދާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއް ތަޖުރިބާކާރެއްގެ އެހީގައި ކުރިއަށް ގެންދިޔައެވެ.
އިހުރު ބާޒާރު ހުޅުވުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން އެރޭ ދިވެހި ޘަޤާފީ ކުޅިވަރުތަކާއެކު ޚާއްޞަ ހަރަކާތެއްވެސް ބޭއްވިއެވެ.
ބީސީސީން ދާދިފަހުން ތޮއްޑޫގައި ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!