ސަރުކާރުގެ ބާހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން، އަމިއްލަ ގެދޮރު ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް
ހިންގާ ބާހިޔާވަހިކަމުގެ ޕޮރޮގްރާމުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ އުސޫލު އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް ) އިން އަންގައިފި އެވެ.

މިމައްސަލަ އެޗްއާރުސީއެމް އިން ބަލައްފެށީ އެރަށުގައި އިމާރާތްކުރެވޭ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލާ ގުޅިގެން ރަށުގެ 279 ރައްޔިތުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅިގެންނެވެ.

Ad
rt

މިހާރު އިޢުލާންކޮށްފައިވާ ވަގުތީ ލިސްޓު ބާޠިލުކޮށް، އުސޫލު އިސްލާހުކުރުމަށްފަހު އަލުން އިޢުލާންކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އަންގާފައެވެ.

މި މައްސަލައިގައި ކޮމިޝަނުން ކުރި ތަހުގީގުގައި، މިހާރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން ހައުސިންގ ޔުނިޓްތައް ދޫކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، ގާނޫނުއަސާސީއާއި ކަމާގުޅުންހުރި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމެނޭގޮތަށް އުސޫލު އަލުން އެކުލަވާލުމަށް ނޮޅިވަރަންފަރު ކައުންސިލަށް ވަނީ އަންގާފައެވެ.

ކޮމިޝަނުން މި މައްސަލައާމެދު ނިންމި ގޮތް ވަނީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކޮށްފައެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިއަހަރުގެ އޯގަސްޓްމަހުގެ 1 ވަނަ ދުވަހު އެވެ.

އެލިސްޓަކީ 27 މާރޗް 2023 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ކެޓަގަރީ A އަދި B އަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްގެ ވަގުތީ ނަތީޖާއެވެ. އެ 100 ހައުންސިން ޔުނިޓުން 75 ޔުނިޓް (ކެޓަގަރީ A) ދިނުމަށް އޭރު ނިންމާފައިވަނީ އެރަށުގެ ރައްޔިތުންނަށެވެ. އަނެއް 25 ޔުނިޓް (ކެޓަގަރީ B) ދިނުމަށް ނިންމާފައިވަނީ އެރަށަށް ދިރިއުޅުން ބަދަލުކުރަމަށް ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށް ހާއްސަ ޔުނިޓް ތަކެވެ.

އެގޮތުން ކެޓަގަރީ އޭ އަށް 253 މީހަކު ކުރިމަތިލާފައިވާއިރު ބީކެޓަގަރީއަށް 109 މީހަކު ކުރިމަތިލާފައިވެއެވެ.