ފޭސްބުކްގެ މައި ކުންފުނި މެޓާ ޕްލެޓްފޯމްސްއިން އެކުންފުނީގެ ސީއީއޯ މާކް ޒަކަބާގް އަދި އެހެނިހެން މަޝްހޫރު މީހުންނަށް ފާރަލާ އެ މީހުންގެ އަމިއްލަ ޖެޓްތައް ޓްރެކްކުރުމަށް ބޭނުންކުރާ ތްރެޑްސް އަދި އިންސްޓަގްރާމްގެ އެކައުންޓްތަކެއް ބަންދުކޮށްފިއެވެ.
މިއެކައުންޓްތައް ބަންދުކުރި ސަބަބެއްކަމަށް މެޓާއިން ބުނެފައިވަނީ "ޖިސްމާނީ ގެއްލުމެއް" ލިބިދާނެކަމުގެ ނުރައްކާ އޮތުމެވެ.
މިހަފްތާގެ ތެރޭގައި މެޓާއިން އެކުންފުނީގެ ޕްރައިވަސީ ޕޮލިސީއަށް ބަދަލުގެނައުމާ ގުޅިގެން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި މިއެކައުންޓްތައް ބަންދުކުރިއެވެ. މިގޮތުން ބަންދުކުރެވުނު އެކައުންޓްތަކުގެ ތެރޭގައި ކިމް ކަރްޑޭޝިއަން އަދި ކައިލީ ޖެނަރ ފަދަ މަޝްހޫރު މީހުންނާއި، މާކް ޒަކަބާގް، އެމެޒޯންގެ ކުރީގެ ސީއީއޯ ޖެފް ބެޒޯސް، އަދި ޓެސްލާގެ ސީއީއޯ އަދި އެކްސްގެ މިލްކުވެރިޔާ އެލޯން މަސްކްގެ އަމިއްލަ ޖެޓްތައް ޓްރެކްކުރާ އެކައުންޓްތައް ހިމެނެއެވެ.
މިއެކައުންޓްތަކުން އާންމުކޮށް ލިބެންހުންނަ މަޢުލޫމާތު ބޭނުންކޮށްގެން ޖެޓްތަކުގެ ލޮކޭޝަން އަދި ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރު ފަދަ މަޢުލޫމާތު ހިއްސާކުރަމުން ގެންދިޔައެވެ.
މިކަމާ ގުޅޭގޮތުން މެޓާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެކުންފުނީގެ އޯވަރސައިޓް ބޯޑުން ދިން ލަފައަކާ އެއްގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެބޯޑުން 2022 ވަނަ އަހަރުގެ ކުރީކޮޅު ދިން ލަފައެއްގައި ބުނެފައިވަނީ އާންމުކޮށް ލިބެންހުރި މަޢުލޫމާތު ކަމުގައިވިޔަސް "އަމިއްލަ ދިރިއުޅޭ ތަންތަނުގެ މަޢުލޫމާތު" އެކުންފުނީގެ ޕްލެޓްފޯމްތަކުން ނައްތާލުމަށެވެ.
ބަންދުކުރެވުނު އެކައުންޓްތަކުގެ ތެރެއިން ގިނަ އެކައުންޓްތަކަކީ ފްލޮރިޑާގެ ކޮލެޖް ދަރިވަރެއްކަމަށްވާ ޖެކް ސްވީނީ ހިންގަމުން ގެންދިޔަ އެކައުންޓްތަކެކެވެ. އޭނާ އޭނާގެ ތްރެޑްސް އެކައުންޓުގައި ޕޯސްޓްކުރި ސިޓީއެއްގައި ބުނެފައިވަނީ އެކައުންޓްތައް ބަންދުކުރުމުގެ ކުރިން މެޓާއިން އެއްވެސް މުވާސަލާތެއް ނުކުރާކަމަށެވެ. "މިޕްލެޓްފޯމްތައް ހިންގަނީ ހާމަކަމާއެކު ނޫންކަމަށާއި، އަދި އެމީހުން ނިންމުންތައް ނިންމަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށް" އޭނާ ލިޔެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!