ސްރީލަންކާގެ އަރުގަމް ބޭ ސަރަހައްދަށް ޒިޔާރަތްކުރާ އިސްރާއީލް ފަތުރުވެރިންނަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު އެމެރިކާގެ އިންޓެލިޖެންސުން ދީފިއެވެ.

ލަންކާގެ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްކަމުގައިވާ އަރުގަމް ބޭ ސަރަހައްދުގައި ތިބި އެމެރިކާގެ ފަތުރުވެރިންވެސް ހިމެނޭގޮތުން މިއިންޒާރު އައިސްފައިވާކަމުގެ މައުލޫމާތު ފުރަތަމަ ދީފައިވަނީ ކޮލޮމްބޯގައި ހުރި އެމެރިކާގެ އެމްބަސީންނެވެ.

Ad
rt

ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ނިހާލް ތަލްދުވާ މީޑިއާއަށް ވާހަކަ ދައްކަމުން ބުނީ ސަރފިންގ ފަދަ ކަންކަމަށް އަރުގަމް ބޭ އަދި ޕޮޓުވިލް އަކީ އިސްރާއީލީ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ތަންތަން ކަމަށެވެ.

"ސަރފިންގއަށް ޝައުގުވެރިކަން ހުރުމާއެކު ވަރަށް ގިނަ އިސްރާއީލީ ފަތުރުވެރިން އަރުގަމް ބޭއަށް ޒިޔާރަތްކޮށް، އަދި އެސަރަހައްދުގައި އިމާރާތެއްވެސް ބޭނުންކުރަން ފަށައިފި. އެސަރަހައްދުގައި މިހާރު އިސްރާއީލީ ފަތުރުވެރިން ގިނަވުމާ ގުޅިގެން އެމީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ މައުލޫމާތު ފަހަކަށްއައިސް ލިބިފައިވޭ،" އޭނާ ބުންޏެވެ.

އެސަރަހައްދުގައި މިހާރު ޚާއްސަ ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅަމުންދާކަން ޑީއައިޖީ ނިހާލް ކަށަވަރުކޮށްދިނެވެ. މިގޮތުން ފުލުހުންނާއި، ސްޕެޝަލް ޓާސްކް ފޯސް އާއި، ކަނޑު އަދި އެއްގަމު ސިފައިންނާއި، އަދި އިންޓެލިޖެންސް ސަރވިސްގެ އެހީތެރިކަން ހޯދަމުންދާކަމަށް އޭނާ ބުންޏެވެ.

ކުރިއަށް އޮތް ޗުއްޓީ މޫސުމުގައި ސްރީލަންކާއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާނެ ކަމަށް އޭނާ ބުންޏެވެ.

އަރުގަމް ބޭގައި އިސްރާއީލީން ޝިނަގޯގެއް (އަޅުކަންކުރާ ތަނެއް) ގާއިމްކޮށްފައިވާކަން ފާހަގަކުރަމުން އިޖްތިމާއީ އެކްޓިވިސްޓް ރުކީ ފަރނޭންޑޯ ބުނީ އެ ސަރަހައްދުގައި ހީބްރޫ ބަހުން ލިޔެފައިވާ ފާހަގަތަކާއި ފިހާރަތަކާއި ރެސްޓޯރަންޓްތައް ފެންނަން ހުރިކަމަށެވެ.

އިސްރާއީލާ ފަލަސްތީނުގެ ހަނގުރާމައާ ގުޅިގެން އިސްރާއީލީންނަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމަށް އެސަރަހައްދުގައި ފުލުހުންނާއި ސްޕެޝަލް ޓާސްކް ފޯސްގެ ޕެޓްރޯލްތައް ކުރިއަށްދާކަމަށް އޭނާ ބުންޏެވެ.

އިސްރާއީލީން އެސަރަހައްދުގައި އުޅުމާ މެދު ސަރަހައްދުގެ ރައްޔިތުން ހިތްހަމަނުޖެހޭކަންވެސް އެކްޓިވިސްޓް ރުކީ ފަރނޭންޑޯ ފާހަގަކުރިއެވެ.