ޒުވާނުންނަކީ ދީންވެރި، ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ޕޯސްޓުގައި ވިދާޅުވީ ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަކީ ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ދުޅަހެޔޮ، ޚުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައިވުމަށް އެދިވަޑައިގަންނަވާފައެވެ.

ސަރުކާރުގެ މެނިފެސްޓޯގައިވާ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއްވެސް އުފައްދަވާފައެވެ.

ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރެއްވުމަށް، ސަރުކާރުގެ އެކަމަށް ޚާއްސަ ވުޒާރާއެއް "ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ"ގެ ނަމުގައި ވަނީ އުފައްދަވާފައެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހަކީ އޮގަސްޓް 12 ވަނަ ދުވަސް ކަމުގައި ވިޔަސް ރާއްޖޭގައި ރަސްމީކޮށް ޒުވާނުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ.

މި ދުވަސް ފާހަގަކުރަނީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ދަޢުރު ފާހަގަކޮށް، ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ޤައުމުގެ ކުރިއެރުމުގައި މި ޖީލުގެ ޒުވާނުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކޮށް، ޤައުމު ބިނާކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށެވެ.