ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އަތުން ފަސް ކްރޯޑް ރުޕީސް ހޯދަން ފޮނުވާފައިވާ އިންޒާރުގެ މެސެޖެއް މުމްބާއީ ޓްރެފިކް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، މި ބިރުދެއްކުމުގެ މެސެޖު ލިބިފައިވަނީ އިއްޔެ (17 އޮކްޓޯބަރު) މެންދުރުފަހު ސިޓީގެ ޓްރެފިކް ކޮންޓްރޯލް ރޫމްގެ ވަޓްސްއެޕް ހެލްޕްލައިނަށެވެ.

Ad
rt

މެސެޖު ފޮނުވި ފަރާތުން ސަލްމާން ޚާނަށް ބިރުދައްކާ، އޭނާގެ އަތުން 5 ކްރޯޑް ރުޕީސް ހޯދުމަށް އެދިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މީގެ ކުރިންވެސް ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ޚާނަށް މަރުގެ އިންޒާރު ދީފައިވެއެވެ. މި އަހަރުގެ އޭޕްރީލް މަހު ބިޝްނޯއީ ގޭންގުގެ މެންބަރުން ބަންޑްރާގައި ހުރި ސަލްމާން ޚާނުގެ ގެއަށް ބަޑި ޖަހާފައިވާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ނަވީ މުމްބާއީ ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި، މި އަހަރުގެ ޖޫން މަހު ބިޝްނޯއީ ގޭންގުން ސަލްމާން ޚާން މެރުމަށް ރާވާފައިވާ ރޭވުމެއް ފަޅާއަރުވާލައި، އެ ގޭންގުގެ ޝޫޓަރެއް ކަމަށްވާ ސުކްބީރު ސިންގް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ސަލްމާން ޚާނަށް މި އިންޒާރު ދީފައި މިވަނީ އިންޑިއާގެ މުސްލިމް ސިޔާސީ ލީޑަރު ބާބާ ސިއްދީޤީ މަރާލާފައި ވަނިކޮށެވެ. ސަލްމާން ޚާނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބާބާ ސިއްދީޤީއަށް ބަޑިން ހަމަލަދީ ޒަޚަމްކޮށްލުމުން ސަލްމާންޚާން ވަނީ ވަގުތުން ޝޫޓިން ދޫކޮށް ހޮސްޕިޓަލަށް ވެސް ގޮސްފައެވެ.