އައިފޯން 16 އަދި އައިފޯން 16 ޕްރޯ ބޭނުންކުރާ ގިނަ ފަރާތްތަކަކުން ބެޓެރީ އަވަހަށް ހުސްވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

މި މައްސަލަ ދިމާވަމުންދާކަން ރެޑިޓް، އެޕަލް ސަޕޯޓް ކޮމިއުނިޓީސް އަދި މެކްރޫމަރސް ފޯރަމްތަކުގައި ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ.

Ad
rt

މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އައިފޯން 16 ބޭނުންކުރާ ފަރާތްތަކަށް ކަމަށްވީ ނަމަވެސް، އައިއޯއެސް 18 އަޕްޑޭޓް ކޮށްފައިވާ ކުރީގެ އައިފޯން މޮޑެލްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މި މައްސަލަ ދިމާވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މެކްރޫމަރސް ފޯރަމްގައި ޓީ1އާޖް ކިޔާ ޔޫޒަރަކު ބުނެފައިވަނީ އެފަރާތުގެ އައިފޯން 16 ޕްރޯގެ ބެޓެރީ މެންދުރު ވަގުތު ވާއިރަށް 60 އިންސައްތައަށް ދަށްވާ ކަމަށެވެ. އަދި އެހެން ޔޫޒަރަކު ބުނެފައިވަނީ އައިފޯން 16 ޕްރޯ މެކްސްގެ ބެޓެރީ ކުރިން ބޭނުންކުރި އައިފޯން 15 ޕްރޯ މެކްސްއާ އަޅާބަލާއިރު 50-60 އިންސައްތަ އަވަހަށް ހުސްވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައިވެސް ބެޓެރީ ހުސްވަމުންދާ ކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން ހުއާންބްރަދަރ ކިޔާ ޔޫޒަރަކު ބުނެފައިވަނީ އޯލްވޭސް އޮން ޑިސްޕްލޭ އަދި ޕްރޯމޯޝަން ފީޗަރތައް ނިއްވާލުމަށްފަހުވެސް ހަތަރު ގަޑިއިރު ތެރޭގައި ބެޓެރީ 11 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

ރެޑިޓްގައި އޯކޭ-އިންޓްރެސްޓް-6561 ކިޔާ ޔޫޒަރަކުވެސް ބުނެފައިވަނީ އައިފޯން 16 ޕްރޯއަށް ބަދަލުވީ ބެޓެރީ ދެމިހުންނާނެކަމަށް ޤަބޫލުކުރެވިގެން ކަމަށާއި، ނަމަވެސް ރޭގަނޑު ފޯނު ބޭނުން ނުކޮށް ބެހެއްޓުމުންވެސް ބެޓެރީ 10-15 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެޕަލްއިން އަދި ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން އުއްމީދުކުރަނީ އަންނަ އައިއޯއެސް އަޕްޑޭޓްގައި މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.