ޗިޕް އުފައްދާ ބޮޑު ދެ ކުންފުނި ކަމަށްވާ އިންޓެލް އަދި އެޑްވާންސްޑް މައިކްރޯ ޑިވައިސަސް (އޭއެމްޑީ) އިން ގުޅިގެން އާރމް އާއި ވާދަކުރުމަށް މަސައްކަތްކުރުމަށް ފަށައިފިއެވެ.
މި ދެ ކުންފުނިން މިގޮތަށް ނިންމީ އާމް ހޯލްޑިންގްސްގެ ފަރާތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.
އަންގާރަ ދުވަހު އިންޓެލް އަދި އޭއެމްޑީން ބުނެފައިވަނީ، އެ ދެ ކުންފުނީގެ ޗިޕްތަކުގައި ސޮފްޓްވެއަރ މަސައްކަތްކުރާކަން ޔަގީންކުރުމަށްޓަކައި ގްރޫޕެއް އުފައްދާ ފައިވާ ކަމަށެވެ. މިއީ އެކްސް86 ކޮމްޕިއުޓިންގ އާކިޓެކްޗަރ އުފެއްދި އިންޓެލް އަދި އެ ޓެކްނޮލޮޖީ ލައިސަންސް ލިބިގެން ބޭނުންކުރާ އޭއެމްޑީއަށް މުހިންމު ފިޔަވަޅެކެވެ.
ވޭތުވެދިޔަ 40 އަހަރު ދުނިޔޭގެ ލެޕްޓޮޕް، ޕީސީ އަދި ޑޭޓާ ސެންޓަރ ސާވަރުތަކުގައި ބޭނުންކުރަމުން އައި އެކްސް86 އާކިޓެކްޗަރގެ މާކެޓް ޙިއްޞާ ވަނީ އާމްގެ ސަބަބުން ދަށަށް ގޮސްފައެވެ. އާމްއިން އެ ކުންފުނީގެ ވާދަވެރި އާކިޓެކްޗަރ ލައިސަންސް ދޫކުރަނީ އެޕަލް އަދި ކުއަލްކޮމް ފަދަ ލެޕްޓޮޕް ޗިޕް ޑިޒައިންކުރާ ކުންފުނިތަކަށާއި، އެމެޒޯން، މައިކްރޯސޮފްޓް އަދި އަލްފަބެޓް ފަދަ ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރާ ކުންފުނިތަކަށެވެ.
އާމްގެ ކާމިޔާބީގެ މުހިންމު ބައެއްކަމުގައި ބެލެވެނީ، އާމްގެ ހުރިހާ ޗިޕެއްގައިވެސް އާމްގެ ހުރިހާ ސޮފްޓްވެއަރއެއް ހިންގޭނެކަން ޔަގީންކުރުމަށް އެ ކުންފުނީގެ އެއްބަސްވުންތަކުގައި ހިމަނާފައިވާ ޝަރުތުތަކެވެ. މި ޝަރުތުތަކަކީ ޗިޕް އުފެއްދި ފަރާތަކަށް ބެލުމެއްނެތި ހުރިހާ ސޮފްޓްވެއަރއެއް ހިންގޭނެކަން ކަށަވަރުކޮށްދޭ ކަންކަމެވެ.
އިންޓެލް އަދި އޭއެމްޑީގެ މި އައު އިސްނެގުމަކީ، އާމްގެ ކުރިއެރުމާ ދެކޮޅަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ވިޔަފާރީގެ ދާއިރާގެ މާހިރުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!