އިންޑިޔާ އާއި ސްރީލަންކާ އާ ދެމެދު ގުޅުވާލުމަށް ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރަމުން އައި މަގާއި ރޭލުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް 5 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

"އިންޑިޔާ-ސްރީލަންކާ ބްރިޖް" ނުވަތަ "ޕޯކް ސްޓްރެއިޓް ބްރިޖް" ގެ ނަމުން މަޝްހޫރު މި މަޝްރޫޢުގެ ދަށުން، ދެ ގައުމު ވަކިކޮށްފައިވާ ޕޯކް ސްޓްރެއިޓް މައްޗަށް ބްރިޖެއް ނުވަތަ ކަނޑު އަޑީގައި ޓަނަލެއް އަޅައި، މަގާއި ރޭލު ދަތުރުކުރެވޭނެ ގޮތް ހަދާ، އިންޑިޔާގެ ދެކުނުގައިވާ ޓެމިލްނާޑޫގެ ރާމޭޝްވަރަމް އާއި ސްރީލަންކާގެ އުތުރުގައިވާ މަންނާރު ޑިސްޓްރިކްޓްގެ ތަލައިމަންނާރު ގުޅުވާލެވޭނެއެވެ.

Ad
rt

މި މަޝްރޫޢުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުފަތުރުގެ ވަސީލަތެއް ގާއިމުވެ، ވިޔަފާރި އާއި ފަތުރުވެރިކަމާއި ސަގާފީ ބަދަލުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިޔާ އާއި ސްރީލަންކާ އަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ އަވައްޓެރި ދެ ޤައުމެވެ. ތާރީޚީ، ސަގާފީ އަދި ދީނީ ގުޅުންތަކުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ އިޤްތިޞާދީ އަދި ސިޔާސީ ގުޅުންތަކެއް ވެސް ޤާއިމުވެފައިވެއެވެ. ނަމަވެސް، 1983 އިން 2009 އަށް ދެމިގެންދިޔަ ސްރީލަންކާގެ އެތެރޭގެ ހަނގުރާމައިގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އޭގެ އަސަރު ކުރިއެވެ. ހަނގުރާމަ ނިމުމަށްފަހު، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މި ގޮތުން، މި ބްރިޖް މަޝްރޫޢަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެކުވެރިކަން އާލާކުރުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.