ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފިއެވެ.

ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ ވިދާޅުވެފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން، އިސްރާއީލާއެކު ވަގުތީ ހަނގުރާމަ ހުއްޓާލުމަކަށް ވާސިލުވުމަށްޓަކައި ޑިޕްލޮމެޓިކް މުއާމަލާތްތައް އިތުރުވެފައިވާ ކަމަށެވެ.

Ad
rt

ބުރާސްފަތި ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ "ވަގުތީ ހަނގުރާމަ ހުއްޓާލުމެއް އިއުލާނުކުރުމަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާއާއި ފްރާންސްއާ ދެމެދު މުއާމަލާތްތައް ކުރިއަށްދާ ކަމަށާއި، މިކަމަކީ ސިޔާސީ ހައްލުތަކަށް މަގުފަހިކޮށްދޭނެ ކަމެއް" ކަމުގައެވެ.

މިދިޔަ މަހު، އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނާއި އިތުރު 9 ޤައުމަކުން އިސްރާއީލާއި ލުބްނާނަށް ގޮވާލާފައިވަނީ 21 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަކަށް އެއްބަސްވުމަށެވެ. ނަމަވެސް އިސްރާއީލުން މި ހުށަހެޅުން ބަލައިނުގަތެވެ.

މިކާތީ ވިދާޅުވެފައިވަނީ "އދ. ގެ ޤަރާރު 1701 ތަންފީޒުކުރުމަށް ތައްޔާރަށް ތިބިކަން ޑިޕްލޮމެޓިކް މުއާމަލާތްތަކުގައި ތަކުރާރުކޮށް ބުނެފައިވާނެ" ކަމަށެވެ. އަދި މިކަން ކުރެވޭނީ "އިސްރާއީލުން އެ ޤަރާރުގެ ހުރިހާ މާއްދާތަކަށް ތަބާވާނަމަ" ކަމަށް ވެސް ވިދާޅުވިއެވެ.

2006 ވަނަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ފާސްކުރެވުނު މި ޤަރާރުގައި ގޮވާލާފައިވަނީ ލުބްނާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ މުޅިން ހުއްޓާލުމަށާއި، ބްލޫ ލައިން (ލުބްނާނާއި އިސްރާއީލާ ދެމެދުގެ ސަރަހައްދީ ރޮނގު) އާއި ލިޓާނީ ކޯރާ ދެމެދުގެ ސަރަހައްދު ހަތިޔާރުން އެއްކިބާކުރުމަށެވެ. އަދި މި ސަރަހައްދުގައި ހަތިޔާރާއި ހަނގުރާމަވެރި އާލާތްތައް ބޭނުންކުރުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ލުބްނާނުގެ ސިފައިންނާއި އދ. ގެ. ގެ ވަގުތީ ބާރުތަކަށް (ޔޫނިފިލް) އެކަންޏެވެ.

ލުބްނާނުގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވަނީ "އަނިޔާވެރިކަމާއި، މަރުގެ ބިރުވެރިކަމާއި، ހަލާކުކުރުމަކުން ހައްލެއް ނުލިބޭނެ" ކަމަށެވެ. އަދި "އިސްރާއީލް ލައްވާ އެ ޤައުމުގެ ވެރިކަމުގެ އަނިޔާވެރި ޢުދުވާން ހުއްޓުވަން ޖެހޭނެ" ކަމަށް ވެސް ވިދާޅުވިއެވެ.