2024 ވަނަ އަހަރުގެ ފިޒިކްސްގެ ނޯބެލް އިނާމު ލިބުނު ދެ ފަރާތްތައް އިއުލާންކޮށްފިއެވެ.
ރޯޔަލް ސްވީޑިޝް އެކެޑަމީ އޮފް ސައިންސަސްއިން އިއްޔެ، އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި 2024 ވަނަ އަހަރުގެ ފިޒިކްސްގެ ނޯބެލް އިނާމު ލިބިވަޑައިގަތީ ޖޮން ޖޭ. ހޮޕްފީލްޑް އަދި ޖެފްރީ އީ. ހިންޓަން އަށެވެ. މި ދެ ސައިންޓިސްޓުންނަށް މި އިނާމު ލިބިވަޑައިގަތީ "އާޓިފިޝަލް ނިއުރަލް ނެޓްވޯކްސް މެދުވެރިކޮށް މެޝިން ލާނިންގ ވުޖޫދަށް ގެނައުމަށް ކުރެއްވި އީޖާދުތަކާއި އަސާސީ ހޯއްދެވުންތަކަށް" ކަމަށް އެކެޑަމީން ބަޔާނެއްގައި ހާމަކުރިއެވެ.
ޖޮން ހޮޕްފީލްޑް ވަނީ އެސޯސިއޭޓިވް މެމޮރީއެއް އީޖާދުކުރައްވާފައެވެ. މި އީޖާދުގެ ސަބަބުން މަންޒަރުތަކާއި އެހެނިހެން ޕެޓަންތައް ރައްކާކޮށް އަލުން އުފެއްދުމުގެ ޤާބިލުކަން ލިބިގެންދެއެވެ. އަދި ޖެފްރީ ހިންޓަން ވަނީ ޑޭޓާގެ ތެރެއިން ވަކި ސިފަތަކެއް އަމިއްލައަށް ދެނެގަނެވޭނެ ގޮތެއް އީޖާދުކުރައްވާފައެވެ. މިކަމުގެ ސަބަބުން މަންޒަރުތަކުގެ ތެރެއިން ވަކި ކަންތައްތަކެއް ފާހަގަކުރުން ފަދަ މަސައްކަތްތައް ކުރެވޭނެއެވެ.
މި ދެ ސައިންޓިސްޓުންގެ މަސައްކަތްތަކުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އެކެޑަމީން ފާހަގަކޮށްފައިވެއެވެ. މި އިނާމާއެކު މި ދެ ސައިންޓިސްޓުންނަށް ލިބިވަޑައިގަންނަވާނީ 11 މިލިއަން ސްވީޑިޝް ކްރޯނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!