އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަ ދައްކައި، ލުބުނާންގައި ހިޒުބުﷲގެ އަމާޒުތަކަށް އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެވުނީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިސްރާއީލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕް، ނަތަންޔާހޫއާ މަޝްވަރާ ކުރީ ފާއިތުވި ހަފްތާގައި، އޭނާގެ ރިޔާސީ ކެމްޕޭންގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައިނަލް އަގުވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ލީޑަރުންގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މީގެ ކުރިން ޖުލައި މަހު ނަތަންޔާހޫ ވަނީ ފްލޮރިޑާގައި ޓްރަމްޕްއާ ބައްދަލުވެސް ކޮށްފައެވެ.
ބޮޑުވަޒީރުގެ އޮފީހުން މި ފޯނު ކޯލާ ގުޅޭގޮތުން ބުނެފައިވަނީ، "ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ހިންގި ހަރުދަނާ އަދި ބާރުގަދަ ޢަމަލުތަކަށް ޓްރަމްޕް ނަތަންޔާހޫއަށް މަރުޙަބާ ކިޔައިފައިވާ ކަމަށެވެ.
މި ސިޔާސީ މަޝްވަރާތަކުން ދައްކުވައިދެނީ، މެދުއިރުމަތީގެ ސަލާމަތީ ކަންކަމުގައި އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަދިވެސް އަދާކުރަމުންދާ ދައުރެވެ. އަދި މިއީ އިސްރާއީލާއި ހިޒްބުﷲއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެދާނެކަމުގެ އިޝާރާތެއް ކަމަށްވެސް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!