ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދެމުން އަންނަ ފައިސާ ހުރިހާ ޕާޓީއަކަށް ލިބޭގޮތަށް ގާނޫނަށް ބަދަލުގެންނަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީސީން އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ ހުރިހާ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް އިސްލާހު ހުށަހެޅުމަށް ނިންމާފައެވެ.

Ad
rt

އެގޮތުން ބަޖެޓުގެ ފުރަތަމަ 25 އިންސައްތަ 3000 މެމްބަރުން ހަމަވާ ޕާޓީތަކަށް ބަހާލާއިރު، 10000 މެމްބަރުން ހަމަވާ ޕާޓީތަކަށް ބަޖެޓްގެ 25 އިންސައްތަ ދޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށްއށް ބަލައި އެޕާޓީތަކަށް 30 އިންސައްތަ އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައިގެން 20 އިންސައްތަ ދޭނެއެވެ.

ވޯޓު ލިބޭ ނިސްބަތް ބަލަން ނިންމާފައި ވަނީ މުޅި ރާއްޖެއިން އެ ޕާޓީއަކަށް ލިބޭ ވޯޓްގެ ޖުމްލަ ބަލައިގެންނެވެ. އެ ޕާޓީން މެމްބަރެއް ނުހޮވުނު ނަމަވެސްމެއެވެ.

ކުރިން ދައުލަތުގެ ބަޖެޓުން ފައިސާ ދެމުން އައިސްފައި ވަނީ ހަމައެކަނި 10000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ އީސީން ފަށާފައި ވަނީ މީގެ ހަތަރު އަހަރު ކުރިން، 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އީސީން ވަނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ޕާޓީތަކާއިއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.