ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން ސާރޗް ނަތީޖާތަކުގައި ވަކި ކުންފުނިތަކެއްގެ ނަންތަކާ އެކު ޗެކްމާރކްތަކެއް ދައްކަން ޓެސްޓްކުރަމުންދާ ކަމަށް ކުންފުނީގެ ފަރާތުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ފީޗަރ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ބޭނުންކުރާ ފަރާތްތަކަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓްތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހެދުމާއި، އޮޅުވާލުމުގެ ގޮތުން ހަދާފައިވާ ވެބްސައިޓްތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދިނުމެވެ.

ގޫގުލްގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް އިތުބާރުހުރި ވިޔަފާރިތައް ދެނެގަތުމަށް އެހީތެރިވެދޭ ފީޗަރތައް ގޫގުލުން އަބަދުވެސް ޓެސްޓްކުރަމުން ގެންދަމެވެ. މިހާރު ކުރިއަށްދަނީ ގޫގުލްގައި ވަކި ވިޔަފާރިތަކެއްގެ ނަމާ އެކު ޗެކްމާރކްތަކެއް ދެއްކުމުގެ ކުޑަ ތަޖުރިބާއެކެވެ.

Ad
rt

މި ފީޗަރ ފުޅާ ދާއިރާއެއްގައި ތަޢާރަފުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ބައެއް ޔޫޒަރުންނަށް މައިކްރޯސޮފްޓް، މެޓާ އަދި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކްތަކާ އެކު ނޫކުލައިގެ ވެރިފައިޑް ޗެކްމާރކްތަކެއް ފެނިފައިވާ ކަމަށް ދަ ވާރޖް އިން ރިޕޯޓުކޮށްފައިވެއެވެ.

ގޫގުލްއިން މިހާރުވެސް އޮޓޮމޭޓެޑް ސިސްޓަމްތަކެއް ބޭނުންކޮށްގެން "ސްކޭމީ" ނުވަތަ އޮޅުވާލުމުގެ މަޤްޞަދުގައި ހަދާފައިވާ ވެބްސައިޓްތައް ދެނެގަނެ، އެފަދަ ސައިޓްތައް ސާރޗް ނަތީޖާތަކުގައި ނުދެއްކުމަށް މަސައްކަތްކުރަމުން ގެންދެއެވެ. މި އައު ފީޗަރއަކީ އެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.