50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިގެންދިޔަ ޚިޔާލުތަފާތުވުން ތަކަކަށް ނިމުމެއް ގެނެސް، އިނގިރޭސިވިލާތުން ޗަގޯސް ޖަޒީރާތައް މޮރިޝަސްއަށް އަނބުރާ ދިނުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ކަނޑުގައި އޮންނަ 60 އަށްވުރެ ގިނަ ޖަޒީރާ ހިމެނޭ ޗަގޯސް ޖަޒީރާތަކުގެ މައްޗަށް ފުރިހަމަ ބާރު މޮރިޝަސްއަށް ލިބިގެންދާނެއެވެ.

ނަމަވެސް މި އެއްބަސްވުމުގައި މުހިންމު ޝަރުތެއް ހިމެނެއެވެ. އެއީ އެމެރިކާގެ ސިފައިންގެ އަސްކަރީ މަރުކަޒު އިތުރު 99 އަހަރަށް ހިންގުމުގެ ހުއްދަ ދިނުމެވެ. ޑިއެގޯ ގާސިއާގައި ހުރި މި މަރުކަޒަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގުނު ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރި ތަނެއްކަމަށް ހުޅަނގުން ދެކެއެވެ.

Ad
rt

މި އެއްބަސްވުމާއެކު އިނގިރޭސިވިލާތުން މޮރިޝަސްގެ އިޤްތިޞާދަށް އެހީތެރިވުމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. އަދި 1960 އަދި 1970 ގެ އަހަރުތަކުގައި ޗަގޯސްއިން ފޮނުވާލެވުނު މީހުންގެ ދަރިންނަށް އެހީވުމަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. މިހާރު ގާތްގަނޑަކަށް 10,000 ޗަގޯސީން ދިރިއުޅެނީ މޮރިޝަސް، ސެޝެލްސް އަދި އިނގިރޭސިވިލާތުގައެވެ.

މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މަރުޙަބާ ކިޔާފައިވާއިރު، އޭނާ މިއީ "ތާރީޚީ އެއްބަސްވުމެއް" ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޗަގޯސީންގެ މެދުގައި މި އެއްބަސްވުމާ ދޭތެރޭ ތަފާތު ޝުޢޫރުތައް ފާޅުކުރެވެމުންދެއެވެ. ބައެއް މީހުން މި އެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކޮށް، އަމިއްލަ ކަންކަން ނިންމުމުގެ ހައްޤު (ސެލްފް ޑިޓަރމިނޭޝަން) އެމީހުންނަށް ލިބެންވާނެ ކަމަށް ބުނެއެވެ. އަދި މި އެއްބަސްވުން އެކުލަވާލުމުގައި އެމީހުންގެ ބަހެއް ހޯދާފައި ނުވާކަން ފާހަގަކުރެއެވެ. އެހެންނަމަވެސް އަނެއްބައި މީހުން ދެކޭގޮތުގައި މިއީ އިނގިރޭސިވިލާތުން ކުރީގެ ކުށްތަކަށް އިޢުތިރާފުވެ، ރަނގަޅުކުރުމަށް އެޅި ފިޔަވަޅެކެވެ.

ޗާގޯސް ޖަޒީރާތަކުގެ ތާރީޚަށް ބަލާއިރު، 1965 ގައި މޮރިޝަސް މިނިވަންވުމުގެ ކުރިން، އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރިޝަސްއިން ވަކިކޮށް، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ގޮތުގައި އުފެއްދިއެވެ. އޭގެ ފަހުން 1971 ގައި އެމެރިކާގެ ނޭވީން ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު އިމާރާތްކުރަން ފެށިއެވެ.

2002 ގައި ޗާގޯސީންނަށް އިނގިރޭސިވިލާތުގެ ރައްޔިތުކަން ދިނުމާ ގުޅިގެން، ގިނަ ބަޔަކު މޮރިޝަސް އަދި ސެޝެލްސްއިން އިނގިރޭސިވިލާތަށް ބަދަލުވިއެވެ. ނަމަވެސް ގިނަ މީހުން ބުނާގޮތުގައި އެމީހުންނަށް އިނގިރޭސިވިލާތުގައި ލިބެނީ ނޭދެވޭ މުޢާމަލާތެވެ.

މި އެއްބަސްވުމާއެކު، މޮރިޝަސް އަދި އިނގިރޭސިވިލާތުން ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުގެ ސަލާމަތާއި، ކުށްކުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އައު ބާބެއް ފެށިގެންދާނެ ކަމެއްގެ ގޮތުގައި ދެ ޤައުމުން ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން ޗާގޯސް އައިލެންޑްސް އަނބުރާ މޮރިޝަސްއާ ހަވާލުކުރަން ނިންމީ ގިނަ ސަބަބުތަކެއް މެދުވެރިވެގެންނެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި އިނގިރޭސިވިލާތަށް ކުރިމަތިވަމުންދިޔަ ޤާނޫނީ އަދި ސިޔާސީ ފިއްތުންތައް ހިމެނެއެވެ. 2019 ގައި ބައިނަލްއަޤްވާމީ ޢަދުލު ކޯޓުން ނިންމީ އިނގިރޭސިވިލާތުން ޗާގޯސްގެ މައްޗަށް އޮތް ބާރު ދޫކޮށްލަންވާނެ ކަމަށެވެ. އަދި އދ. ގެ މަޖިލީހުން ވެސް މިކަމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، ކުރީގެ ކޮލޯނިއަލް ވެރިކަމުގެ އަސަރުތައް ފޮހެލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިނގިރޭސިވިލާތުން ބޭނުންވިކަންވެސް ފާހަގަކުރެވެއެވެ.

އަދި މީގެ އިތުރުން، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ގުޅުން ބަދަހިކޮށް، އައު އިޤްތިޞާދީ އަދި ސަލާމަތީ ގުޅުންތައް ޤާއިމުކުރުމަށް މި އެއްބަސްވުން މަގުފަހިކޮށްދެއެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒު ދެމެހެއްޓުމަށް ހުއްދަ ދިނުމަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކިފައިވެއެވެ.

މި އެއްބަސްވުމަކީ ދިގު މުއްދަތެއްގައި ދެމިގެންދިޔަ ދެބަސްވުމަކަށް ހައްލެއް ގެނެސް، ސަރަޙައްދުގެ ސިޔާސީ އަދި ދިފާޢީ ވަޒަންތައް އަލުން އެތުރުމަށް ފުރުޞަތު ހުޅުވާލާ ކަމެއްގެ ގޮތުގައި އެ ޤައުމުތަކުން ދެކެއެވެ.