މޫސައަށް ފެނިލެއްވީ އަމިއްލައަށް އޭޓީއެމް މެޝިން މައްޗަށް އަރާ އޮތް ޓިޝޫ ކޮޅެކެވެ. މޫސަ ސިފަ ކުރެއްވީ އެއީ ޖާދޫއެއް ކަމަށެވެ. ކުރިމަތީ ހުރި ޑަސްބިނުން ފުންމައިގެން އަރައި މެޝިންމަތީ ޓިޝޫކޮޅު އޮތުމަކީ ޖާދޫއަކަށް ނުވާންވީ ސަބަބެއް ނޫންތާއެވެ.
މޫސަ ބުނުއްވަނީ
އާދެ! ތަރައްގީ އިނގޭތޯ. ދަންނަވަންތޯ މެޝިންމަތީ އެ އޮތް ޓިޝޫކޮޅު އެއީ ހަމަ އަމިއްލައަށް އެތަނަށް އަރާއޮތް އެތިކޮޅެއް. ކޮންފަދަ ޖާދުލެއްތޯ.
ޓީވީއެމްގައި 13 އަހަރު ޚިދުމަތް ކުރެއްވި މަޝްހޫރު ޕްރެޒެންޓަރު، މިހާރު އައިއޭއެސްގެ ޕީއާރު އެންޑް ކޮމިނިސުކޭޝަން މެނޭޖަރުކަން ކުރަށްވާ މޫސާ ވަސީމް އެގޮތަށް ވިދާޅުވީ މަޒާޖީ ގޮތުންނެވެ.
އައިސް ޓީވީގެ ކުރީގެ ސީއީއޯގެ މަޤާމްވެސް ފުރުއްވި މޫސަ މުޖުތަމަޢައް އެދެއްވީ ކުރު ނަމަވެސް ބުނެދޭ ވާހަކަ މުހިންމު މެސެޖެކެވެ. އަޅުގަނޑުމެން އެއަށް ވުރެ ޒިންމާދާރު ބަޔަކަށް ވާންވާނެއެވެ. ކުރިމަތީ ޑަސްބިނެއް ހުރި އިރުވެސް ބޭނުންކުރި ޓިޝޫކޮޅު އެ ޑަސްބިނަށްލާނެ ހަކަތަ ނެތުމީ ދެރަވަރު ކަމެކެވެ. ހަކަތަނެތީކީ ނޫނެވެ. އަދަބެއް އަޚުލާޤެއް ނެތީއެވެ.
އެތައްސަތޭކަ ބަޔަކު ކެނޑި ނޭޅި ޚިދުމަތް ލިބިގަންނަށް އަންނަ އޭޓީއެމް މެޝިންގެ މަތީ ބޭނުންކުރި ޓިޝޫ ބާއްވާފައި ދާއިރު އެ އެނެކުންނާމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. އެ ޓިޝޫގެ ބޭނުންކުރީ ކޮން ހާލަތެއްގައި ހުރި ކާކުކަންވެސް ނޭނގޭއިރު، އެތައް ބަޔެއްގެ ރައްކާތެރިކަމާމެދުވެސް ފިކުރުކޮށްލުމެއް ނެތެވެ.
މޫސަ ހިއްސާކުރެއްވި ފޮޓޯއިން ބުނެދޭ އަނެއްވާހަކައަކީ އޭޓީމު ބޭނުން ކޮށްފައި ބެލެންސް ބެލުމަށް ނުވަތަ ފައިސާ ޖަމާވިތޯ ބެލުމަށް ނަގާ ކަރުދާސް ކޮޅުތައްވެސް ޑަސްބިނަށް ލުމުގެ ބަދަލުގައި ހުންނަނީ ފައިބުޑަށް އުކާލާފަކަމެވެ. ކަރުދާސްކޮޅު ބޭނުން ނޫންނަމަ ނުނަގާވާނެ އޮޕްޝަންވެސް އޭޓީއެމްގައި އިންނައިރު، ނަގާފައި އެއްލާލަނީ ބިންމައްޗަށެވެ. އޭޓީއެމުން ނަގާ ކަރުދާސްކޮޅު ލުމަށް އިސްކޮޅު ހެޔޮވަރު ޑަސްބިނެއްވެސް ވަރަށް ކައިރީ ބަހައްޓާފައި ހުރެއެވެ. އެކަމުގައިވެސް ހަމަ އަދަބެއް ނެތީއެވެ.
މޫސާ ވަސީމްގެ މި މެސުޖާއި މެދު ފުންކޮށް ވިސްނާލަށްވާށެވެ. އަޅުގަނޑުމެން އަމިއްލައަށް އިސްލާޙް ނުވާނަމަ އިސްލާޙް ކުރާނެ ބަޔަކު ނާންނާނެއެވެ. މުޖުތަމައުގެ ރައްކާތެރިކަމާއި، ސާފް ތާހިރުކަމަށް އަޅުގަނޑުމެން ނުކުރި ލޯތްބެއް ކުރާނެ ބަޔަކުވެސް ނާންނާނެއެވެ. އަޅުގަނޑުމެން ވާންވީ ކަނޑައެޅިފައި ހުންނަ އުސޫލްތަކާއި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލަނބާ ބަޔަކަށެވެ. އަޅުގަނޑުމެން ވާންވީ ޒިންމާދާރު، ރިވެތި އަދަބުތަކުގެ ވެރި ބަޔަކަށެވެ. އެކަންކަން އެހެން ކުރަން ޖެހެނީ ތިބާއާއި އަޅުގަނޑުމެންނަށްވެސް ހުރިހާ ގޮތަކުން އެންމެ މޮޅު އިތުރު ގޮތަކީ އެއީކަމަށް ވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!