ޗާގޯސް ޖަޒީރާތަކުގެ ވެރިކަން މޮރީޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައިފިއެވެ.

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގެ ވެރިކަން އިނގިރޭސިވިލާތުން މޮރީޝަސްއަށް ދޫކޮށްލަން ނިންމި ކަން ވަނީ ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި އިޢުލާނުކޮށްފައެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން، ޑިއެގޯ ގާޝިއާ އަތޮޅުވެސް ހިމެނޭގޮތަށް އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރީޝަސްއަށް ދޫކޮށްލާނެއެވެ. ނަމަވެސް ޑިއެގޯ ގާޝިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު 99 އަހަރަށް އޮޕަރޭޓްކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން މޮރީޝަސްއަށް ޗާގޯސް ޖަޒީރާތަކުގައި އަލުން މީހުން އާބާދުކުރެވޭނެއެވެ. އަދި އިނގިރޭސިވިލާތުން މޮރީޝަސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، ޗާގޯސް ރައްޔިތުންގެ ދުޅަހެޔޮކަމަށް އަޅާލުމަށް ދެ ގައުމުން މަސައްކަތްކުރާނެއެވެ.

އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރީޝަސްއަށް ދޫކޮށްލަން ނިންމީ އދ އާއި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ފަރާތުން އެ ޖަޒީރާތައް ދޫކޮށްލުމަށް އިނގިރޭސިވިލާތަށް އަންނަމުންދިޔަ ޕްރެޝަރާ ގުޅިގެންނެވެ.

މި އެއްބަސްވުމާމެދު ހުރިހާ ފަރާތްތަކުން އުފާކުރާއިރު، ޗާގޯސް ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި މަޝްވަރާތަކުގައި އެ މީހުން ހިމަނާފައި ނުވާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.