އެފްރިކާގެ ދަތުރުވެރިންތަކެއް ދަތުުރުކުރަމުންދިޔަ ދެ އުޅަނދު ޖިބުތީގެ އައްސޭރިފަށަށް ފެތުމުގެ ސަބަބުން މަދުވެގެން 45 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށް އދ. ގެ މައިގްރޭޝަން އޭޖެންސީ އިން ބުނެފިއެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި މި ދެ އުޅަނދު ޔަމަނުން ފުރައިގެން ދިޔައިރު 310 މީހުން އެ އުޅަނދުތަކުގައި ތިއްބެވެ. ނަމަވެސް ރަތްކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އުޅަނދުތައް ވަނީ ފެތިފައެވެ.
"އައިއޯއެމްއިން މިވަގުތު ސަރުކާރުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކަށް އެހީތެރިވަމުންދަނީ، ސާރޗް އެންޑް ރެސްކިއު މަސައްކަތުގައި،" އައިއޯއެމްގެ އެކްސް ޕޯސްޓެއްގައި ބުނެފައިވެއެވެ. މިހާތަނަށް 32 މީހުން ދިރިތިއްބާ ފެނިފައިވާ ކަމަށް އައިއޯއެމްއިން ބުނެފައިވެއެވެ.
ޖިބުތީގެ ކޯސްޓްގާޑުން ބުނެފައިވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިފައިވަނީ ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ކަމަށެވެ. މިހާތަނަށް 115 މީހުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އަދިވެސް ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޖިބުތީގެ ހުޅަނގު އުތުރުގައިވާ ކޯރު އަންގާރު ސަރަހައްދުގެ ގޮނޑުދޮށާ 150 މީޓަރު ދުރުގައެވެ. މި ސަރަހައްދަކީ ދަތުރުވެރިންނާއި ރެފިއުޖީން އެންމެ ގިނައިން ދަތުރުކުރާ އަދި އެންމެ ނުރައްކާތެރި މަގުތަކުގެ ތެރެއިން މަގެއް ކަމަށް ބުނެވެއެވެ.
މިދިޔަ އަހަރު މި މަގުން 400,000 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް އައިއޯއެމްގެ ރިކޯޑުތަކުން ދައްކައެވެ. އަދި މިދިޔަ އަހަރު 700 އާ ގާތްކުރާ އަދަދެއްގެ މީހުން މި މަގުން ދަތުރުކުރަމުން ގޮސް މަރުވެ ނުވަތަ ގެއްލިފައިވެއެވެ. 2014 އިން ފެށިގެން މިހާތަނަށް މި މަގުން 1,000 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށްވެސް އައިއޯއެމްއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!