އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފިއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން މަނާކޮށް، އޭނާއަކީ ޕަރސޯނާ ނޮން ގްރާޓާ (ރަސްމީކޮށް ނޭދެވޭ މީހެއް) ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ އީރާނުން އަންގާރަ ދުވަހު އިސްރާއީލަށް ދިން މިސައިލް ހަމަލާ ގުޓެރެސް ސީދާ ކުށްވެރިނުކުރުމާ ގުޅިގެންނެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ގުޓެރެސް އިޢުލާން ނުކުރާތީވެސް މެއެވެ.
އީރާނުން އިސްރާއީލަށް ދިން ހަމަލާގައި 180 މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެވެއެވެ. އީރާނުން ބުނެފައިވަނީ މިއީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި، ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރެއް އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށެވެ.
އިސްރާއީލުން ވަނީ ވަގުތު ކަނޑައަޅައި މި ހަމަލާގެ ޖަވާބު ދޭނެ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން މި ހަމަލާ ސިފަކޮށްފައިވަނީ "ނުރައްކާތެރި ގޯސްހެއް" ގެ ގޮތުގައެވެ.
ފާއިތުވި މަސްތަކުގައި އދ. ގެ އިތުރު އޮފިޝަލުންވެސް ވަނީ އިސްރާއީލަށް ވަނުން މަނާކޮށްފައެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ޚާއްސަ ރެޕޯޓަރު ފްރަންޗެސްކާ އަލްބަނީސް އާއި، ފަލަސްތީނުގެ އޮކިއުޕައިޑް ޓެރިޓަރީގެ އދ. ގެ ހިއުމަނިޓޭރިއަން އޮފީހުގެ ވެރިޔާ ހިމެނެއެވެ.
އިސްރާއީލްގެ މި އަމަލާ ގުޅިގެން އދ.އިން އަދި ވަކިއެއްޗެއް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!