ޖިނާއީ މައްސަލަތަކުގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށް ހުޅުވާލައިފި އެވެ.
އޮފީހުން ބުނީ އެ އޮފީހުން ދައުވާ ކޮށްފައި ތިބި މީހުންނާއި އެކި މައްސަލަތަކުގައި ބަންދުގައި ތިބި މީހުން މައްސަލަ މުރާޖާކުރަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން މީހުން ބަންދުގައި ތިބޭ މައްސަލަ އަބަދުވެސް ރާއްޖޭގައި ބޮޑެވެ. އެކަމަށް ހައްލެއް ގެނެވެން އޮތީ ޝަރީއަތްތައް އަވަސްކޮށްގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެކި މައްސަލަތަކުގައި ދައުވާ ކޮށްފައި ތިބި މީހުންގެ މައްސަލަތަކާ ބެހޭގޮތުން ޝަކުވާ ލިބެމުންދާތީ އެކަން ރިވިއުކުރަން އާންމުކޮށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޕީޖީ އައްބާސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމުގެ މައްސަލައަކީ ފާޑު ކިޔުން ބޮޑު މައްސަލަ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!