ހިޒްބުﷲގެ ހަތްވަނަ އިސްވެރިޔަކު ޝަހީދުކޮށްލިކަން އިސްރާއީލުން އިއުލާންކޮށްފިއެވެ.
ލުބުނާނަށް މިހާރު ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ހިޒުބުﷲގެ އިތުރު އިސްވެރިޔަކު ޝަހީދުވެފައިވާކަމަށް އިސްރާއީލުން ބުނެފައިވާއިރު، ހިޒްބުﷲއިން ވެސް ވަނީ އޭނާގެ މަރު ކަށަވަރުކޮށްފައެވެ. މިއީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ދިންހަމަލާތަކުގައި ޝަހީދުވި ހިޒްބުﷲގެ ހަތްވަނަ އިސްވެރިޔާއެވެ.
އިސްރާއީލުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ޝަހީދުކޮށްލާފައިވަނީ ހިޒްބުﷲގެ ސެންޓްރަލް ކައުންސިލްގެ ޑެޕިއުޓީ ވެރިޔާ ނަބީލް ކައޫކްއެވެ.
މީގެ އިތުރުން ހިޒްބުﷲއިން ވަނީ އޭގެ ކުރީ ދުވަހު ޝަހީދުވި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އާއެކު އެހެން އިސް ކޮމާންޑަރެއް ކަމުގައިވާ އަލީ ކަރަކީ ވެސް ޝަހީދުވެފައިވާކަން ކަށަވަރުކޮށްފައެވެ. އިސްރާއީލުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި ނަސްރުއްﷲ ޝަހީދުކޮށްލި ހަމަލާގައި ހިޒްބުﷲގެ 20 އަށްވުރެ ގިނަ މެމްބަރުން ޝަހީދުވެފައި ވެއެވެ. މީގެ ތެރޭގައި ނަސްރުﷲގެ ގާތް ދެ އެހީތެރިން ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ އޭނާގެ ސެކިއުރިޓީ އިންޗާޖެވެ.
އިސްރާއީލުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ފަހުން ބެއިރޫތަށް އިތުރު ހަމަލާއެއް ދީފައިވެއެވެ. އެ ހަމަލާގެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިން ބުނާ ގޮތުގައި އާދީއްތަ ދުވަހު ހަމަލާދިން ތަނުން އަދިވެސް ދުން އަރަމުންދެއެވެ. ގިނަ އަދަދެއްގެ މީހުން އެތަނަށް ގޮސް، ގެތަކުގެ ބާކީ ހުރި ބައިތައް ބަލައި، ހަލާކުވި ތަންތަން ބަލައި ހަދަމުންދާކަމަށް އެ ނޫސްވެރިން ބުނެއެވެ.
މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެ، ހިޒްބުﷲ އާ އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު އިތުރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!