އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ އެކަނި ވެސް 82 މީހުން ޝަހީދުވެއްޖެކަމަށް ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ. އިސްރާއީލުގެ އަސްކަރީ ލޯންޗުތަކުން ލުބުނާނުގެ އެކި ހިސާބުތަކަށާއި، ވެރިރަށް ބެއިރޫތުގެ އަތިރިމަތި ހިމެނޭގޮތަށް ހުއްޓުމެއްނެތި ދަނީ ބޮން އަޅަމުންދެއެވެ.
އިސްރާއީލުން ބުނެފައިވަނީ ހުކުރު ދުވަހު ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުއްލާ ޝަހީދުކޮށްލި ހަމަލާގައި ހިޒްބުﷲގެ 20 އަށްވުރެ ގިނަ އިސްވެރިން މަރުވެފައިވާ ކަމަށެވެ. އެކަމަކު އެވާހަކަތައް އިތުރު އެހެން މަސްދަރަކުން ކަށަވަރު ކޮށެއް ނުދެއެވެ.
އަނެއްކޮޅުން ޣައްޒާގައި އިސްރާއީލުން އިއްޔެ ސްކޫލަކަށް ދިން ހަމަލާއެއްގައި މަދުވެގެން ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވިއެވެ.
މިހަމަލާތަކުގެ އިތުރުން އިސްރާއީލުން ވަނީ ޔަމަނުގެ ހޮދެއިދާ އަދި ރަސް އީސާގައި އެއާޕޯޓަކަށާއި، ކަރަންޓު ޕްލާންޓަކަށްވެސް ހަމަލާދީފައެވެ.
މިހަމަނުޖެހުންތައް ފެށުމުގެ އަސްލުކަމުގައިވާ، ޣައްޒާގައި އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދޭ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 41,595 މީހުން މަރުވެ، 96,251 މީހުން ޒަޚަމްވެފައިވެއެވެ.
މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ގޮސްދާނެކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ފާޅުކުރަމުންދެއެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!