އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލި ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހާ, އޭނާއަށް ޖަލުގައި އެހީތެރިވާނެ މީހަކު ނެތް ކަމަށް ބުނެ އަދި ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށްލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.

Ad
rt

އެ މައްސަލާގައި އޭނާ ހައްޔަރުކުރީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ހިރަންޏާ ރޮމުން ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާއިރު, ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ. އަދި މައްސަލަ ނުނިމި ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށެވެ. އަދި އެ މައްސަލާގައި ދެ ފަރާތަށް އެއްބަސްވެވޭ ކަމެއް އޮތް ނަމަ އެކަން ފާހަގަ ކުރެވިދާނެ ކަމަށެވެ. އޭރުން ހެކިބަސް ނަގަންޖެހޭ ހެކިންގެ އަދަދު މަދުވެ، މައްސަލަ އަވަހަށް ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އިއުތިރާފް އެއްބަސްވުމެއް ހަދަން ބޭނުންނަމަ އެ ފުރުސަތު އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ބުނީ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ހިރަންޏާގެ ދިފާއީ ވަކީލް ވިދާޅުވީ ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ކޯޓުގެ ވަގުތު ބޭކާރު ކުރަން އެއްވެސް ހުށަހެޅުމެއް ހުށަހެޅުމެއް ހުށަހަޅައިގެން ނުވާނެ ކަމަށެވެ.

އެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ދައުލަތުން މިއަދު ވަނީ ހުށަހަޅައިފަ އެވެ.