އަލުން ރައީސްކަމަށް ހޮވިއްޖެނަމަ ގޫގްލްއާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ ގޫގްލްއިން ދައްކަނީ ހަމައެކަނި އޭނާއާ ބެހޭ ގޮތުން ނުބައި ވާހަކަތައް ކަމަށެވެ.
ޓްރަމްޕް މި ވާހަކަ ދައްކަވާފައިވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް މި ދަޢުވާއަށް އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ.
"ގޫގްލްއިން ޣައިރު ޤާނޫނީ ގޮތެއްގައި ބޭނުންކުރާ ނިޒާމަކުން ދައްކަނީ ހަމައެކަނި ޑޮނަލްޑް ޖޭ. ޓްރަމްޕާ ބެހޭ ނުބައި ވާހަކަތައް، އޭގެތެރެއިން ބައެއް ވާހަކަތަކަކީ މި މަޤްޞަދަށް ހަދާފައިވާ ވާހަކަތައް. އެއާއެކު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސްއާ ބެހޭ ގޮތުން ދައްކަނީ ހަމައެކަނި ރަނގަޅު ވާހަކަތައް،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށާއި، އުންމީދުކުރައްވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މި މައްސަލައާއި ގުޅިގެން ގޫގުލްއާމެދު ޖިނާއީ ދަޢުވާ އުފުލާނެ ކަމަށެވެ. "އެހެން ނޫންނަމަ، ޤައުމުގެ ޤާނޫނުތަކާ އެއްގޮތަށް، އަހަރެންނަށް އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އެންމެ މަތީ ފެންވަރުގައި އެފަރާތްތަކާ ދެކޮޅަށް ދަޢުވާ އުފުލުމަށް އެދޭނަން، ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ގޫގްލްއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓެއްގައިވާ ގޮތުން ޓްރަމްޕް ވަނީ 2019 ގައިވެސް މިފަދަ ދަޢުވާއެއް ކޮށްފައެވެ. އޭރު އޭނާ ބުނެފައިވަނީ 2016 ގެ ރިޔާސީ އިންތިޚާބުގައި ގޫގްލްއިން އޭނާއާ ބެހޭ ނުބައި ވާހަކަތަކަށް އިސްކަންދީފައިވާ ކަމަށެވެ. އޭރު ގޫގްލްއިން ވަނީ މި ދަޢުވާތައް ދޮގުކޮށްފައެވެ.
ނަމަވެސް ފަހަކަށްއައިސް ޓްރަމްޕްގެ ބައެއް ތާއީދުކުރާ ފަރާތްތަކުން މި ދަޢުވާތައް އަލުން އާކޮށްފައިވެއެވެ. ޖުލައި މަހުގައި ޓްރަމްޕްއަށް އަމާޒުކޮށް ދިން މަރާލުމުގެ ހަމަލާއަކަށް ފަހު، ބިލިއަނަރު އެލޮން މަސްކް ވަނީ ގޫގްލްއިން ކުރީގެ ރައީސްގެ މަޢުލޫމާތު ހޯދުން މަނާކޮށްފައިވާ ކަމަށް ބުނެ އެކްސް ގައި ޕޯސްޓެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!