އީރާނުގެ އެންމެ މަތީ ވެރިޔާ ކަމުގައިވާ އާޔަތުﷲ އަލީ ޚާމެނީ ވަނީ އެ ޤައުމުގެ ރައްކާތެރި ތަނަކަށް ގެންގޮސްފައިކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފިއެވެ.
މިއީ އިސްރާއީލުން ލުބުނާނުގެ ބޭރޫތަށް ދިން ހަމަލާއެއްގައި އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ކުރި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ އެންމެ އިސް ނިންމުންތައް ނިންމާ ފަރާތްތައް ރައްކާތެރިކުރުމަށް މިފަދަ ފިޔަވަޅެއް އެޅުމަކީ ހިޒްބުﷲއަށް އިސްރާއީލުން ދޭ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އީރާނުގެ އިސްވެރިން ނަގާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. ހިޒްބުﷲއަކީ އީރާނުގެ އެންމެ ހަތިޔާރު ގިނަ އަދި އެންމެ ރަނގަޅަށް ތަމްރީނު ލިބިފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތެވެ.
ހަސަން ނަސްރުﷲ ޝަހީދުވުމާ ގުޅިގެން ޚާމެނީ ވަނީ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ "މި ސަރަޙައްދުގެ ކުރިމަގު ކަނޑައަޅާނީ ރެސިސްޓަންސް ބާރުތަކުން، އޭގެ ކުރީ ސަފުގައި ހިޒްބުﷲ އޮވެގެން" ކަމަށެވެ. އަދި އިތުރު ބަޔާނެއްގައި "ޝަހީދުގެ ލޭ ބޭކާރުވެގެން ނުދާނެ" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ނަސްރުﷲގެ މަރާ ގުޅިގެން ފަސް ދުވަހުގެ ހިތާމައެއް އިޢުލާނުކުރައްވާފައިވެއެވެ.
ރޮއިޓަރސްއަށް މަޢުލޫމާތު ދިން އިސް ދެ އޮފިޝަލުން ބުނެފައިވަނީ ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ދެން އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމަށް އީރާނުން ވަނީ ހިޒްބުﷲ އަދި އެހެނިހެން ޕްރޮކްސީ ގްރޫޕްތަކާ މަޝްވަރާކުރަން ފަށާފައި ކަމަށެވެ.
ނަސްރުﷲ އަވަހާަކޮށްލި ހަމަލާގައި އީރާނުގެ ރެވޮލިއުޝަނަރީ ގާޑްސްގެ ޑެޕިއުޓީ ކޮމާންޑަރު އައްބާސް ނިލްފޮރޫޝަން ވެސް ޝަހީދުވެފައިވާކަން އީރާނުގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ ނަސްރުﷲ ޝަހީދު ކޮށްލުމުގައި އެމެރިކާގެ ދައުރެއް އޮތްކަމަށެވެ. އެއީ އިސްރާއީލަށް ހަތިޔާރު ވިއްކާ ފަރާތަކީ އެމެރިކާ ކަމަށް ވާތީއެވެ. "ޒައިއޮނިސްޓުންނާއެކު އެމެރިކާގެ ބައިވެރިވުން އޮތްކަން އެމެރިކާއަށް ނުބުނެވޭނެ" އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!