ދެކުނު އެފްރިކާގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ލުސިކިސިކީ ރަށުގައި ބަޑީގެ ހަމަލާތަކެއްދީ 17 މީހުން މަރާލައިފިއެވެ. މަރުވި މީހުންގެ ތެރޭގައި 15 އަންހެނުން ހިމެނޭކަމަށް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ދެކުނު އެފްރިކާ ޕޮލިސް ސަރވިސްގެ ތަޙުޤީޤީ ޓީމުން ދެއްކި ވީޑިއޯއަކުން ފެންނަގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެއް ހިސާބެއްގައި ހުރި ދެ ގޭގައެވެ. އޭގެ ތެރެއިން އެއް ގޭގައި 12 އަންހެނުންނާއި ފިރިހެނަކު މަރުވެފައިވާއިރު، އަނެއް ގޭގައި ތިން އަންހެނުންނާއި އެއް ފިރިހެނަކު މަރުވެފައިވެއެވެ. މީގެ އިތުރުން ހަތަރު އަންހެނުންނާއި، އެއް ފިރިހެނަކާއި، ދެ މަސްދުވަހުގެ ކުޑަކުއްޖަކު ވަނީ މި ހާދިސާއިން ސަލާމަތްވެފައެވެ.

Ad
rt

މި ހާދިސާ ހިނގި ވަގުތު އެތަނުގައި އާއިލީ އެއްވުމެއް އޮތްކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި މާރާމާރީ ހިންގަން ޖެހުނު ސަބަބު އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ސިޓީގެ ޕޮލިސް މިނިސްޓަރު ސެންޒޯ މްޗުނު ވިދާޅުވެފައިވަނީ ޑިޓެކްޓިވުންނާއި ފޮރެންސިކް މާހިރުންގެ ޓީމެއް މިހާރު ވަނީ ފޮނުވާފައި ކަމަށެވެ. އަދި މި ކުށްވެރިން ހޯދުމަށް ކުރަންޖެހޭ މަސައްކަތް އަވަސްކުރުމަށް ގޮވާލާފައިވެއެވެ.

ދެކުނު އެފްރިކާގެ ނެޝަނަލް ޕޮލިސް ޗީފް ފެނީ މަސެމޯލާ ވިދާޅުވެފައިވަނީ މި ހާދިސާގެ ސަބަބު އަދި ނޭނގޭ ކަމަށާއި، މިކަން ކުރީ އެކަކުތޯ ނުވަތަ ގިނަ ބަޔަކުތޯވެސް ނޭނގޭ ކަމަށެވެ.

ދެކުނު އެފްރިކާއަކީ ގޭންގު މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ޤައުމެކެވެ. މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި އެ ޤައުމުގައި 12,734 މީހުން މަރުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދުވާލަކަށް އެވްރެޖްކޮށް 70 މީހުންގެ މަގުންނެވެ. މި މަރުތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަރުތައް ހިނގަނީ ހަތިޔާރުގެ ބޭނުން ކޮށްގެންނެވެ.