ޓްރޮޕިކަލް ސްޓޯމް ހެލީން ވަނީ އެމެރިކާގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިހާތަނަށް މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މިއީ އެމެރިކާއަށް އެރި އެންމެ ވަރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާން ގޮތުގައި ބެލެވެއެވެ.
ހުކުރު ދުވަހުގެ ރޭ 11:10 ގައި ފްލޮރިޑާގެ ބިގް ބެންޑް ސަރަހައްދަށް ކެޓަގަރީ 4 ހަރިކޭނެއްގެ ގޮތުގައި އެރި ހެލީން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ތެރޭގައި ބަނދަރުތަކުގައި ހުރި އުޅަނދުފަހަރު ހަލާކުވެ، ގަސްތައް ވެއްޓި، ކާރުތައް ފެނުގެ އަޑިއަށް ގޮސް، މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރުތައް ފެނިފައިވެއެވެ.
ހެލީންގެ ސަބަބުން 4 މިލިއަނަށްވުރެ ގިނަ ގޭބިސީއާއި ވިޔަފާރިތަކުގެ ކަރަންޓު ވަނީ ކެނޑިފައެވެ. ފުލުހުންނާއި އަލިފާން ނިއްވާ ސިފައިން ވަނީ ހާހުން ގުނާލެވޭ އަދަދަކަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އެޓްލާންޓާގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިވެކުއޭޓްކުރުންވެސް ހިމެނެއެވެ.
ހެލީންގެ ސަބަބުން ފްލޮރިޑާ އަދި ޖޯޖިއާގައި ބޮޑެތި ގެއްލުންތައް ލިބި، މިހާރު ކެރޮލައިނާސްގައި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް ވަނީ އިންޒާރުދީފައެވެ. ނެޝަނަލް ވެދަރ ސަރވިސްއިން ވަނީ ޖޯޖިއާ، ސައުތު ކެރޮލައިނާ އަދި ނޯތު ކެރޮލައިނާގެ އެކި ކައުންޓީތަކަށް ކުއްލި ފެންބޮޑުވުމުގެ އިންޒާރު ދީފައެވެ.
މި ސްޓޯމްގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ހާލަތު އަދިވެސް ދެމިއޮތް ކަމަށް ނެޝަނަލް ހަރިކޭން ސެންޓަރުން ބުނެފައިވެއެވެ. ފެން ބޮޑުވުމާއި، ވައި ގަދަވުމާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުރައްކާ އަދިވެސް އޮތް ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!