ޕާކިސްތާނުގައި ފާއިތުވި ދުވަސްތަކުގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަނުން 700,000 ޔޫރޯ ދޭން ނިންމައިފިއެވެ.

ޔޫރަޕިއަން ޔޫނިއަނުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ފައިސާއިން އެހީތެރިކަން ފޯރުކޮށްދެވޭނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރެއިން ބަލޮޗިސްތާން، ޚައިބަރު ޕަޚްތުންޚުވާ، ޕަންޖާބު އަދި ސިންދު ޕްރޮވިންސްތަކުގައި ތިބި އެންމެ ނިކަމެތި ރައްޔިތުންނަށެވެ.

Ad
rt

ޕާކިސްތާނުގައި ޔޫރަޕިއަން ޔޫނިއަންގެ އިންސާނީ އެހީގެ ޕްރޮގްރާމްތައް ބަލަހައްޓަވާ ތަހީނީ ތަމަންނަގޯޑާ ވިދާޅުވީ، "މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުނު ފުރާނަތަކަށް ޔޫރަޕިއަން ޔޫނިއަނުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

މި އެހީ ފޯރުކޮށްދެވޭނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް (އައިއެފްއާރުސީ) މެދުވެރިކޮށެވެ. މި ފައިސާއިން އެންމެ އިސްކަންދެވޭނީ ގެއްލުން ލިބުނު މީހުންނަށް ބޯފެނާއި، ވަގުތީ ހިޔާވަހިކަމާއި އަދި އެހެނިހެން އަސާސީ ބޭނުންތައް ފުއްދައިދިނުމަށެވެ.

މި އެހީގެ އިތުރުން، 2024 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަނުން ވަނީ ޕާކިސްތާނުގެ އިންސާނީ އެހީއާއި ކާރިސާތަކަށް ތައްޔާރުވުމަށް 11 މިލިއަން ޔޫރޯ ކަނޑައަޅާފައެވެ.