އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ހިޒްބުﷲގެ އިތުރު ކޮމާންޑަރަކު ޝަހީުދުކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުން ލެބަނަންގެ ވެރިރަށް ބައިރޫޓަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެފައިވަނީ ހިޒްބުއްލާގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހިމް ޤުބައިސީ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޤުބައިސީ އަކީ ހިޒްބުﷲގެ މިސައިލް އަދި ރޮކެޓް ހަމަލާތައް ވިލަރެސް ކުރާ ކޮމާންޑަރެވެ.

Ad
rt

މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް ބުނީ ހިޒްބުﷲއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. "މިއަދުގެ ހިޒްބުﷲއަކީ ހަފުތާއެއް ކުރިން އަހަރެމެން ދެނެގަތް ހިޒްބުﷲއެއް ނޫން. އެ ޖަމާޢަތުގެ ކޮމާންޑް އަދި ކޮންޓްރޯލް، ފައިޓަރުން އަދި ހަނގުރާމަ ކުރުމުގެ ވަސީލަތްތަކަށް އަނެއްކާވެސް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައި،" ގަލަންޓް ބުންޏެވެ.

އިސްރާއީލުގެ އެއަރ ފޯސްއިން ދެކުނު ލެބަނަންގެ އެކި ސަރަހައްދުތަކަށް "ފުޅާ ދާއިރާއެއްގައި" ހަމަލާ ދީފައިވާ ކަމަށް ވެސް އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ހަމަލާތަކުގައި ހިޒްބުﷲގެ ހަތިޔާރު ރައްކާކުރާ ތަންތަނާއި ގިނަ ލޯންޗަރުތަކެއް ހަލާކުކޮށްލެވިފައިވާ ކަމަށް ބުނެއެވެ.

އިސްރާއީލުން ހިޒްބުﷲއާ ދެކޮޅަށް ފަށާފައިވާ މި އާ ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އިތުރުވެފައިވެއެވެ. އިސްރާއީލުން މިހާރު އަމާޒު ބަދަލުކުރަމުންދަނީ ޣައްޒާއިން އުތުރަށެވެ. އުތުރު ސަރަހައްދުގައި ހިޒްބުﷲއިން ވަނީ ހަމާސްއަށް އެހީތެރިވުމުގެ ގޮތުން އިސްރާއީލަށް ރޮކެޓް ހަމަލާ ދެމުން ގޮސްފައެވެ.