ޓެލެގްރާމުން ޤާނޫނާ ގަވާއިދުތަކަށް ބޯލެނބުމުގެ ގޮތުން އައިޕީ އެޑްރެހާއި ފޯނު ނަންބަރު ހިއްސާކުރަން އެއްބަސްވެއްޖެއެވެ.
މެސެޖިންގ އެޕް ޓެލެގްރާމުން ޤާނޫނީ އެދުންތަކަށް އިޖާބަދީ، ބައެއް މަޢުލޫމާތު ހިއްސާކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޕަވެލް ޑުރޮވް ހާމަކުރައްވައިފައިވާއިރު، މީގެ ތެރޭގައި ޔޫޒަރުންގެ އައިޕީ އެޑްރެހާއި ފޯނު ނަންބަރު ހިމެނެއެވެ.
މިއީ އަމިއްލަވަންތަކަމަށް އިސްކަންދޭ މި މެސެޖިންގ އެޕްގެ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލެކެވެ. މީގެ ކުރިން ޓެލެގްރާމުން ވަނީ ކޮންޓެންޓް ނެގުމަށް އެދޭ އެދުންތަކަށް އިޖާބަ ނުދީ، ކުށުގެ ޢަމަލުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް އެދޭ އެދުންތަކަށް ނޫނެކޭ ބުނެފައެވެ.
މީގެ އިތުރުން، ޓެލެގްރާމުން ވަނީ ކޮންޓެންޓް މޮޑަރޭޝަން ފަށާފައެވެ. މިގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އިންސާނީ މޮޑަރޭޝަން ޓީމެއް ބޭނުންކޮށްގެން "މައްސަލަ ހުރި" ކޮންޓެންޓް އެ އެޕްލިކޭޝަނުން ނައްތާލަން ފަށާފައިވެއެވެ. އަދި ރައްކާތެރިނޫން ކޮންޓެންޓާއި، ޤާނޫނާ ޚިލާފު ކޮންޓެންޓް ފެނިއްޖެނަމަ ރިޕޯޓުކުރުމަށް ޑުރޮވް ވަނީ އެ އެޕް ބޭނުންކުރާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ނަމަވެސް، މި ބަދަލުތަކުން ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކާމެދު ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކިހާ މިންވަރަކަށް އަސަރުކުރާނެކަން އަދި ސާފެއް ނޫނެވެ. ޓެލެގްރާމްގައި މެސެޖު ގެއްލޭ ފީޗަރއާއި، އެންޑް-ޓު-އެންޑް އެންކްރިޕްޝަނާއި، ސިމް ކާޑެއް ނެތި ވެސް ބޭނުންކުރެވުން ފަދަ އެނޮނިމައިޒިންގ ފީޗަރތައް ހުރުމުން، މި ބަދަލުތަކުގެ އަސަރު ކުޑަވެދާނެ ކަމަށް ބެލެވެއެވެ.
އޯގަސްޓް މަހު، ޓެލެގްރާމްގައި ހިންގާފައިވާ ކުށުގެ ޢަމަލުތަކާ ގުޅިގެން ޑުރޮވް ފްރާންސްގައި ހައްޔަރުކުރެވި، އެ ޤައުމުގައި މަޑުކުރުމަށް އަމުރުކުރެވިފައި ވީނަމަވެސް، އޭނާ މި ދަޢުވާތައް ދޮގުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!