ސަޢޫދީ ޢަރަބިއްޔާގައި ތަރައްޤީކުރަމުންދާ 4.6 ބިލިއަން ޕައުންޑުގެ މެގަ ރިސޯޓު، އެމާލާ އެންޑް ދަ ރެޑް ސީ ޕްރޮޖެކްޓް، 2025 ވަނަ އަހަރު ފަތުރުވެރިންނަށް ހުޅުވޭނެ ކަމަށް އިޢުލާނުކޮށްފިއެވެ.

މި ރިސޯޓަކީ 1,600 އަކަ މޭލުގެ ސަރަހައްދެއްގައި ތަރައްޤީކުރެވޭ، ކުރިން އެއްވެސް ގަހެއް ރުކެއް ނެތް ސަހަރާ ސަރަހައްދެއް މުއްސަނދި ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރެވޭ މަޝްރޫޢެކެވެ.

Ad
rt

ރެޑް ސީ ގްލޯބަލް ކުންފުނިން ތަރައްޤީކުރަމުންދާ މި ރިސޯޓު ހުންނަނީ ސަޢޫދީ ޢަރަބިއްޔާގެ ތަބޫކު ޕްރޮވިންސްގެ ރަތް ކަނޑު ސަރަހައްދުގައި، ޕްރިންސް މުހައްމަދު ބިން ސަލްމާން ރޯޔަލް ރިޒާވްގެ ތެރޭގައެވެ. ގްލޯބަލް ކޮންސްޓްރަކްޝަން ރިވިއުއިން ބުނާ ގޮތުގައި މި މަޝްރޫޢު ހިމެނެނީ 42 މޭލުގެ އައްސޭރިފަށެއްގައެވެ. މީގެ ތެރޭގައި 30 ހޮޓަލާއި، ޖުމްލަ 4,000 ކޮޓަރި އަދި 1,200 ގެ ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން 20 މޭލަށްވުރެ ދިގު މަގުތަކެއް އަޅައި، ކަރަންޓާއި، ފެނާއި، ވާރޭފެން ނަގާ ނިޒާމާއި، މުވާސަލާތީ ވަސީލަތްތައްވެސް ޤާއިމުކޮށްފައިވެއެވެ. މި ވަގުތު މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމި، މެރީނާއާއި ޔޮޓު ކްލަބުގެ "އެންމެ ފަހުގެ މަސައްކަތްތައް" ކުރަމުންދާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ. މީގެ އިތުރުން، ޓްރިޕަލް ބޭ ސެންޓްރަލް ޒޯނުގައި ފޯ ސީޒަންސް ހޮޓަލެއްވެސް ހިމެނޭނެއެވެ.

މި މަޝްރޫޢަކީ ސަޢޫދީ ޢަރަބިއްޔާގެ ކުރިމަގުގައި ތެލަށް ބަރޯސާވުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ގޮތުން އެ ގައުމުން ދަނީ ފަތުރުވެރިކަމާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ބިލިއަނުން ޑޮލަރު އިންވެސްޓްކުރަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.